ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީގެ މައުލޫމާތު އޮޅުވާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސަޢުދު ޢަލީއަށް ދިފާއީ ވަކީލަކު އައްޔަންކުރުމަށް ކްރިމިނަލް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.
މި މައްސަލައިގައި ސަޢުދާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިއަދު ހެނދުނު 09:00 ގައި ފަށާފައިވާއިރު، ވަކީލަކު ހަމަޖެއްސުމަށް އޭނާއަށް ދީފައިވާ މުއްދަތު ހަމަވާނީ މި މަހުގެ 15 ވަނަ ދުވަހަށެވެ. ދައުލަތުން ސަޢުދުގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި ޕީޖީ އޮފީހުން މި ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ ތެރޭގައެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، ސަޢުދުގެ މައްޗަށް އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އުފުލީ، 17 މެއި 2021 އިން ފެށިގެން އޭނާ ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު ހިންގި އަމަލަކާ ގުޅިގެންނެވެ. އެގޮތުން، ލާމަރުކަޒީ ގާނޫނުގައި ސިޓީއެއްގެ ދަރަޖަ ލިބުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ތިނަދޫގައި ފުރިހަމަވާކަން ދެއްކުމުގެ ބޭނުމުގައި، މަރުވެފައިވާ މީހުންނާއި ސައްހަކަން ކަށަވަރުނުވާ މީހުންގެ މައުލޫމާތު ހިމަނައިގެން އެކުލަވާލި އާބާދީގެ ލިސްޓެއް، އޭނާ ސޮއިކުރައްވައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުއްވާފައިވާތީއެވެ.
ޕީޖީ އޮފީހުން އިތުރަށް ބަޔާންކުރި ގޮތުގައި، އާބާދީ ލިސްޓުގައި ހިމެނޭ އެންމެންގެ އައިޑީކާޑު ނަންބަރު އެނގޭނޭހެން ސައްހަ ލިސްޓެއް ފޮނުވުމަށް އެލްޖީއޭއިން އެދުމުން، ސަޢުދު ސޮއިކުރައްވައި ފޮނުއްވި ދެވަނަ ލިސްޓުގައި ވެސް ވަނީ މައުލޫމާތު އޮޅުވާލައްވައިފައެވެ. އެގޮތުން، އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި، އެއް ނަމެއް ތަކުރާރުކޮށް ހިމަނައިގެން ތިނަދޫގެ އާބާދީއަކީ 10,150 ކަމަށް ދައްކައި، ސައްހަ ނޫން ލިޔުމެއް އެލްޖީއޭއާ ހިއްސާކޮށްފައިވާ ކަމަށް ޕީޖީން ބުންޏެވެ.
މީގެއިތުރުން، ސަޢުދުގެ މައްޗަށް ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލީ، ސިޓީގެ ދަރަޖަ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ކައުންސިލުން ހުށަހެޅި އާބާދީ ލިސްޓުތައް ތަހުގީގަށް ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދުމުން، އެ މައުލޫމާތު ހިއްސާނުކޮށް ހިފެހެއްޓި މައްސަލައިގައެވެ. އެގޮތުން، ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ސަޢުދު ސޮއިކުރައްވައި ފުލުހުންނަށް ފޮނުއްވި ފެކްސް މެސެޖެއްގައި، ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެއްވެސް ލިސްޓެއް ދައުލަތުގެ އިދާރާތަކަށް ފޮނުވިކަމުގެ ރެކޯޑެއް ކައުންސިލުގައި ނެތް ކަމަށް ވިދާޅުވެ، ފުލުހުންގެ ތަހުގީގަށް ގަސްދުގައި ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ގާނޫނުގައިވާ ގޮތުން، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ 4 މަހާއި ސައުވީސް ދުވަހުގެ ޖަލު ހުކުމެކެވެ. މި ދައުވާތައް ސަޢުދުގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާއަށް ތިނަދޫ ސިޓީގެ މޭޔަރުކަމުގެ މަގާމު ވެސް ގެއްލިގެންދާނެއެވެ.














