ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއަށް އެންމެ ބޮޑަށް ތާއީދުކުރައްވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު ކަމަށާއި، ކުއްލި މައްސަލައެއްގެ ގޮތުގައި މިކަން މަޖިލީހަށް އެމްޑީޕީން ހުށަހެޅީ ނަޝީދަށް އެއްޗެހި ކިޔުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަޞީމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީއަށް މީގެކުރިން ރަސްމާލެ މަޝްރޫއު ފެނުނީ އެއްވެސް އިންވެސްޓަރަކު އިންވެސްޓު ވެސް ނުކުރާނެ ތާކުން ތާކުން ނުޖެހޭ ބޮޑު މަޝްރޫއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެ މަޝްރޫއަކީ ރަންގަނޑެއްގެ ގޮތުގައި އެމްޑީޕީއަށް ސިފަވާން ފަށާފައިވާކަން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިން އެނގިގެންދާ ކަމަށް ފަލާހު ވިދާޅުވިއެވެ.
އެކަން އެންމެ ބޮޑަށް އެނގިގެންދާ ސަބަބަކީ މިއަދު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތުމާއި، ބޭރުކުރުމުގެ ބާރު އޮތީ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އަތުގައި ކަމަށްވާތީ ކަމަށް ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ، ބަހުސް ކުރިއަށްދިޔަ ވަގުތު އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ނެތީ އެބޭފުޅުން ރަސްމާލެ މަޝްރޫއާއި ގުޅިގެން އެއްވެސް ތައްޔާރީއެއްވެފައި ނެތުމުން ކަމަށެވެ.
ފަލާހު ވިދާޅުވީ، އެމްޑީޕީން ރަސްމާލެ މަޝްރޫއު ހުއްޓުވުމުގެ ބޭނުމުގައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހެޅީ ކޮންގްރެސްގައި އެ ބޭފުޅުންނާ މެދު ކަންތައްތައް ދިމާވި ގޮތުން ނަޝީދަށް އެއްޗެހި ކިޔުމުގެ ބޭނުމުގައި ކަމަށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވަން އެމްޑީޕީން އޭރު ދެއްކި ވާހަކައާއި ރަސްމާލެ މަޝްރޫއާ ގުޅުވައިގެން އެމްޑީޕީން މިހާރު ދައްކާ ވާހަކަައިގައި އެއްވެސް ތަފާތެއް ނެތް ކަމަށް ފަލާހު ވިދާޅުވިއެވެ.
”އެމްޑީޕީގެ ކޮންގްރެސް މީގެ ދެރޭ ކުރިން ނިމިގެން ހިނގައްޖެ. އެމްޑީޕީއަކު މިހާރަކު ރައީސެއް ނައިބު ރައީސެއް ނުހުންނާނެ. އެމްޑީޕީގެ އަސާސީ ގަވާއިދަށް އެ ގެނެވުނު އިސްލާހުގެ ސަބަބުން އެމްޑީޕީގެ ހުރިހާވެސް މީހަކީ ޗެއަރޕާސަން. އީގަލް ހިލްގެ މަޝްރޫއަށް ތާއިދުކުރާ، މީގެ ކުރިން ވެރިކަން ކޮށްފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ބޮޑަށް ތާއީދުކުރައްވާ ބޭފުޅަކީ އެމްޑީޕީގެ ޗެއަރޕާސަން ރައީސް ނަޝީދު،“- ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، އީގަލް ހިލްސްއާއެކު އަދި އޮތީ ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ކަމަށާއި، ރާއްޖޭގެ ޓޫރިޒަމް ގާނޫނުގެ ދަށުން 99 އަހަރަށް ރަށްރަށާއި ފަޅުތައް ދޫކުރެވޭ އުސޫލު އެމްޑީޕީއަށް ރަނގަޅަށް އެނގޭއިރުވެސް، ހަގީގަތާއި ހިލާފު ވާހަކަތައް ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ކަމަށް ފަލާހު ތުހުމަތުކުރެއްވިއެވެ.













