ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ފްލީޓަށް އިތުރު 17 އުޅަނދެއް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ސަރުކާރުން ރޭ ބޭއްވި ”އަހާ“ ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދުއެވެ. ވަޒީރު ވިދާޅުވި ގޮތުގައި ސިފައިންނަށް ކިތަންމެ ރަނގަޅު ތަމްރީނެއް ލިބިފައިވީ ނަމަވެސް، ޤައުމީ ދިފާއީ މަސައްކަތް އެންމެ ފުރިހަމައަށް ކުރެވޭނީ އެކަށީގެންވާ ވަސީލަތްތައް ގާއިމުކުރެވިގެންނެވެ.
އެގޮތުން މިހާރުވެސް ކޯސްޓްގާޑުގެ އޮޕަރޭޝަންތަކަށް ތިން ޕެޓްރޯލް އުޅަނދެއް ހޯދައިދެވިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި އަލަށް ހޯދާ 17 އުޅަނދުގެ ތެރެއިން ބައެއް އުޅަނދުތައް ރާއްޖެއަށް ލިބެން މުއްދަތު ހަމަވާނެ ކަމަށެވެ. އަދި ބާކީ ހުރި އުޅަނދުތައްވެސް ކުރިއަށް އޮތް ތަނުގައި ސިފައިންގެ ހިދުމަތާ ގުޅެމުންދާނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ސަރަހައްދު ދިފާއުކުރުމަށް ބޭރު ޤައުމުތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ތުރުކީއާއި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި މަނަވަރުތަކުގެ އިތުރުން، ރާއްޖޭގެ ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ސަރުކާރުން ވަނީ ޑްރޯންވެސް ތައާރަފުކޮށްފައެވެ.
އާންމު ސިއްހީ ހިދުމަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ކޯސްޓްގާޑުން ބަލަހައްޓަމުންދާ ސީ އެމްބިއުލޭންސްގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު 12 ސީ އެމްބިއުލޭންސް ބަނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ދިވެހި ސިފައިން އަބަދުވެސް ތިބީ ކަނޑާއި ވައިގެ ސަރަހައްދުން ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ޤައުމު ދިފާއުކުރުމަށް ފުރިހަމައަށް ތައްޔާރުވެގެންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާޒީގައި 1988 ނޮވެމްބަރު 3 ގައި ދެވުނު ފަދަ ކުއްލި ހަމަލާއެއް ދިނުމުގެ ފުރުސަތު މިހާރު އެއްވެސް ފަރާތަކަށް ނުލިބޭނެ ގޮތަށް ސެކިއުރިޓީ ވަރުގަދަކުރެވިފައިވާކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.













