ސަރުކާރުން އަލަށް އެކުލަވާލުމަށް ނިންމާފައިވާ ރިއަލްއެސްޓޭޓް ޤާނޫނަކީ ވަކި ޚާއްޞަ މަޝްރޫޢަކަށް އެކަނި އަމާޒުކޮށްގެން ހަދާ ޤާނޫނެއް ނޫން ކަމަށާއި، އެއީ މުޅި ރާއްޖޭގައިވެސް މިފަދަ އިންވެސްޓްމަންޓްތައް ހިންގުމުގެ ފުރުޞަތު ހުޅުވާލުމަށް އެކުލަވާލެވޭ އާންމު އުސޫލެއް ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
”އަހާ“ ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ، ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢާ ގުޅިގެން މިހާތަނަށް ސޮއިކޮށްފައިވަނީ އިބްތިދާއީ ކޮމާޝަލް ޓަރމް އެގްރީމަންޓެއްގައި ކަމަށެވެ. އަދި އެ މަޝްރޫޢުގެ ފުރިހަމަ އެއްބަސްވުން ދެން ޤާއިމުކުރެވޭނީ އަލަށް އެކުލަވާލެވޭ ރިއަލްއެސްޓޭޓް ޤާނޫނާއި، ޢަމަލުކުރަމުންދާ އެހެނިހެން ޤާނޫނުތަކުގެ އިމުގެ ތެރެއިން ކުރެވޭ މަޝްވަރާތަކަށްފަހު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ފުޅާކޮށް އައު ސިނާޢަތްތައް ތަޢާރަފުކުރުމުގެ ބޭނުމުގައި، ރިއަލްއެސްޓޭޓް ޤާނޫނު އެކުލަވާލުމުގެ އިތުރުން މިހާރު ހުރި ބައެއް އިތުރު ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ނިންމަވާފައިވާކަން ބަންޑާރަނައިބު ވަނީ ހާމަކުރައްވާފައެވެ. މި ބަދަލުތަކާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށްވެސް ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް މިފަދަ މަޝްރޫޢުތައް ހިންގުމުގެ ޤާނޫނީ ފުރުޞަތު ފަހިވެގެންދާނެއެވެ.
މީގެއިތުރުން، 2015 ވަނަ އަހަރުން ފެށިގެން އިމިގްރޭޝަން ޤާނޫނުގެ ދަށުން ރެޒިޑެންސީ ވިސާ ދޫކުރުމުގެ އުޞޫލުތައް ހަމަޖެހިފައިވަނީވެސް ރިއަލްއެސްޓޭޓް މާކެޓެއް އުފެއްދުމުގެ މަޤްޞަދުގައި ކަން ފާހަގަކުރައްވަމުން، ރަސްމާލެ މަޝްރޫޢުގައިވެސް ކަންކަން ކުރިއަށްދާނީ އެ އުޞޫލުތަކާ އެއްގޮތަށް ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި މިހާތަނަށް ސޮއިކުރެވުނު އެއްބަސްވުމުގައިވެސް އަދި ކުރިއަށްހުރި މުޢާމަލާތްތަކުގައިވެސް ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ނުހިމެނޭނެކަމުގެ ޔަޤީންކަން ބަންޑާރަނައިބު ދެއްވިއެވެ.












