މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ކިޔަވަން ގޮސް އުޅުނު ދިވެހި އަންހެން ދަރިވަރަކު މިއަދު ނިޔާވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެފައިވާކަން ރަސްމީކޮށް ކަށަވަރުކޮށްދެއްވައިފައެވެ.
ތަރުޖަމާނު ވިދާޅުވީ، މި އެކްސިޑެންޓުގައި އިތުރު ދިވެއްސަކު ވެސް ޝާމިލުވާކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ އިތުރު ތަފްސީލުތައް ހޯދައި ކަށަވަރުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިހާރު ދަނީ ކުރިއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މެލޭޝިއާގައި ހިނގި މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ މަތީ ތައުލީމަށް އެ ގައުމުގައި ދިރިއުޅެމުންދިޔަ އައްޑޫ ސިޓީއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެނެކެވެ.
މި ހާދިސާއާ ގުޅިގެން މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުންނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީން ދަނީ ނިޔާވި ފަރާތުގެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.














