މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ގައުމީ ބްރޯޑްކާސްޓިން ދުވަހާ ގުޅުވައިގެން، މުޖުތަމައުގައި ފިތުނަފަސާދަ އުފެދޭފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށާއި ގައުމީ މަސްލަހަތު އިސްކޮށްގެން ޒިންމާދާރުކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުން ނެރުނު ޚާއްސަ ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އިޖުތިމާއީ، ސިޔާސީ އަދި އިގްތިސާދީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގައި ބްރޯޑްކާސްޓިންގެ ދާއިރާއަކީ އެންމެ ނުފޫޒުގަދަ އެއް ވަސީލަތެވެ. އަދި އިސްލާމީ ރީތި އަހުލާގާއި ދިވެހި ގައުމިއްޔަތާއި ސަގާފަތް ދެމެހެއްޓުމާއެކު ސައްހަ މައުލޫމާތު ފެތުރުމުގައި ދިވެހި ބްރޯޑްކާސްޓަރުން ކުރައްވަމުންގެންދަވަނީ އަގުނުކުރެވޭފަދަ މުހިންމު ގައުމީ މަސައްކަތެއްކަން ކޮމިޝަނުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.
ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އައު ޓެކްނޮލޮޖީގެ އިޖާދުތަކާއެކު މި ދާއިރާ އިތުރަށް ހަރުދަނާކޮށް، ފަންނީ ގާބިލުކަން އިތުރުކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެމްއެމްބީސީން ދެއެވެ. މީގެއިތުރުން، މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމެއް އޮތް ބްރޯޑްކާސްޓިން މާހައުލެއް ބިނާކުރުމަކީ އެ ކޮމިޝަނުގެ މައިގަނޑު އެއް އަމާޒެވެ.
މި ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން އެ ކޮމިޝަނުން ވަނީ މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގައި 37 ބްރޯޑްކާސްޓަރުންނާއި 29 ރީބްރޯޑްކާސްޓަރުން އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.











