އިންޓަރ-ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) ގެ 153 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ޓެންޒޭނިއާގެ އަރޫޝާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ މި މުހިންމު އެސެމްބްލީގެ އާންމު ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވާހަކަފުޅު ދައްކަވާނީ ”އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުސަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމަޢުތައް ބާރުވެރިކުރުވުން“ މި މައުޟޫއަށެވެ.
މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ މެންބަރުންނާއި އިދާރީ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ހެން ބޮޑު ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފުދުގެ ބައިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:
– ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު
– ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު
– މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
– ހުރާ ދާއިރާގެ މެންބަރު ޑޮކްޓަރ އަނާރާ ނަޢީމް
– ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ
– ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ
– ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު
– މަޖިލީހުގެ ކައުންސިލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ
– މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު
– ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ
މި އެސެމްބްލީ ކުރިއަށްދާނީ މި ހިނގާ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ.














