ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށް ކައުންސިލްތަކުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފު ކަމެއްކަމަށް ބަޔާންކޮށް، އެގޮތަށް އަމަލުނުކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އިލްތިމާސްކޮށްފިއެވެ.
އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައި ހަމަޖައްސައިދީފައި ވަނިކޮށް، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ސޮއިކުރައްވައި ކައުންސިލްތަކަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ މުދަލާއި ވަސީލަތްތައް ބޭނުންކުރަންވާނީ ލާމަރުކަޒީ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް އެކަނި ކަމަށެވެ.
މީގެއިތުރުން، އެ މުދަލާއި ވަސީލަތްތައް ބޭނުންކުރުމުގައި އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ސިޔާސީ ވިސްނުމަކަށް، ނިސްބަތްވާ ފިކުރަކަށް ނުވަތަ އާއިލާއަކަށް ބެލުމެއްނެތި، ހަމަހަމަކަމާއެކު އިންސާފުވެރި އުސޫލުތަކަކަށް އަމަލުކުރަންޖެހޭނެކަން ގާނޫނުގައި ބަޔާންކޮށްފައިވާކަން ވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކައުންސިލްތަކުގެ މުދަލާއި، ހާއްސަކޮށް އެ އިދާރާތަކުގެ އިމާރާތްތަކާއި އާންމު ހިދުމަތްތަކަށް ހާއްސަކުރެވިފައިވާ ބިންތައް ބޭނުންކޮށްގެން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހިންގައި، ފިކުރުތައް ކުރިއެރުވުމަކީ ލާމަރުކަޒީ ގާނޫނާ ފުށުއަރާ ކަމެއްކަމަށް އެލްޖީއޭއިން ދެކޭކަމަށްވެސް ބުނެފައިވެއެވެ.
ކައުންސިލް އިދާރާތަކަކީ އާންމު ރައްޔިތުން ހިދުމަތް ހޯދުމަށް ޒިޔާރަތްކުރާ ރަސްމީ މުހިންމު ތަންތަނަށް ވާތީ، އެފަދަ އިދާރާތަކުގައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ހިދުމަތް ހޯދާ ފަރާތްތަކުގެ މެދުގައި ނުތަނަވަސްކަން އުފެދިދާނެ ކަމެއް ކަމަށް އެލްޖީއޭއިން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ. ލާމަރުކަޒީ އުސޫލުން ދައުލަތުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގާނޫނީ ގޮތުން ގާއިމުކޮށްފައިވާ ކައުންސިލްތަކުން ހިދުމަތް ދިނުމުގައި، ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ މި ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމުގައިވެސް އެ އޮތޯރިޓީން ދެކެއެވެ.
މީގެއިތުރުން، މިފަދަ އަމަލުތަކަކީ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަންކަން ކަމަށްވާތީ، ކައުންސިލްގެ އިދާރާތަކުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އެ ސިޓީގައި ވަނީ އިލްތިމާސްކޮށްފައެވެ. ނިމިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން މިރޭގެ ނިޔަލަށް ކުރިއަށްދިޔަ އެމްޑީޕީގެ ފަސްވަނަ ކޮންގްރެސް ބޭއްވުމަށް ސަރުކާރުގެ އިމާރާތެއް ހަމަޖައްސައިދިނުމަށް އެ ޕާޓީން އެދިފައިވާ ކަމަށާއި، ކައުންސިލް އިދާރާގައި ކޮންގްރެސް ބާއްވަން ޖެހުނީ އެހެން އެކަށީގެންވާ ތަނެއް ލިބިފައިނުވާތީ ކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.















އަންނިގެ ގެހުންނާނެނުން ކޮންގްރެސް ބާއްވަން ނޫނީ ސިއްކަ އަހުމަދު އަސްމާއިލުގެގެހުންނާނެ އެކޮންގްރެސް ބާއްވަން އެއީ ސޯލިހާ ނަޝީދުގެ ބޮލުގައެޅުވިފަ އޮތްކަމެއްނޫން އެކަންކޮއްދިނުން