ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ’އަމާން އުދަރެސް‘ 5 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯރގައި ރޯވި އަލިފާން، އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި، އަމާން އުދަރެސް 5 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯރގައި ގުދަނެއްގެ ގޮތަށް ބޭނުންކުރަމުންދިޔަ ތަނެއްގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިރޭ 18:43 ހާއިރުއެވެ. މި މަޢުލޫމާތު ލިބުމާއެކު، ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ޓީމުތަކުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ.
ފަޔަރ ފައިޓަރުން ކުރި ހަލުވި މަސައްކަތުން، މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ މިރޭ 18:50 ހާއިރު ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
މި ހާދިސާއާ ގުޅިގެން ޓަވަރުގެ ބައެއް ފެންހޮޅިތަކަށް ގެއްލުން ލިބިފައިވާތީ، އެ ހޮޅިތައް މަރާމާތުކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޓީމުން މިހާރު ދަނީ ކުރަމުންނެވެ.
އެފްޑީސީން ބުނީ، މަރާމާތުގެ މަސައްކަތް ކުރިއަށްދާތީ އެ ޓަވަރުގެ ބައެއް ޔުނިޓުތަކުން ފެނާއި ކަރަންޓުގެ ޚިދުމަތް މިވަގުތަށް މެދުކެނޑިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 2 ގަޑިއިރާއި 3 ގަޑިއިރުގެ ތެރޭގައި މަރާމާތުތައް އެއްކޮށް ނިންމައި، ޚިދުމަތްތައް އަލުން އިއާދަކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއްވައެވެ.














