އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އަދި އެމެރިކާގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، ޔޫރަޕުގެ ގައުމުތަކުގައި ރައްކާކޮށްފައި ހުރި ޑީސަލުގެ ބޮޑު މިންވަރެއް ދޫކުރުމަށް އެ ގައުމުތަކުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް ބުނީ މި ނިންމުމުގެ ސަބަބުން ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ.
މި ހަނގުރާމައިގެ ނުތަނަވަސްކަން މުޅި ސަރަޙައްދަށް ފެތުރެމުންދާއިރު، ހޮރުމޫޒް ކަނޑުއޮޅިން ދަތުރުކުރި 2.5 މިލިއަން ފީފާގެ ތެޔޮ އުފުލާ ސުޕަޓޭންކަރަކަށް ނޭނގޭ އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އެ އުޅަނދުގައި އަލިފާން ރޯވެފައިވާ ކަމަށް ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ސެންޓަރުން ވަނީ ހާމަކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާމެދު ވަނީ އިތުރަށް ކަންބޮޑުވުން އުފެދިފައެވެ.
މީގެއިތުރުން، ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެގައުމުގެ ސަރުކާރުގެ ފައުޖުތަކުން ވެރިރަށް ސަންއާގައި ހުރި މުހިންމު އަމާޒުތަކަކަށް ހަމަލާދީފައިވާ ކަމަށް ޔަމަނު އަސްކަރިއްޔާގެ ތަރުޖަމާނު މަޖިދު އަލް-ނުޒައިލީ ވިދާޅުވިއެވެ. އަދި ތާއިޒް ޕްރޮވިންސްގައި ތިބި ހޫޘީންނާ ދެކޮޅަށް ވައިގެ މަގުން 20 ހަމަލާއެއް ދީފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
އަނެއްކޮޅުން، އިސްރާއީލުގައި މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ބަރުލަމާނީ އިންތިޚާބުގައި ޢަރަބި ޕާޓީތަކުގެ ލިސްޓުތައް ބައިވެރިވުން މަނާކުރުމަށް އެގައުމުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީން ނިންމި ނިންމުން، އިސްރާއީލުގެ ސުޕްރީމް ކޯޓުން ވަނީ އިއްތިފާގުން ބާތިލުކޮށްފައެވެ. ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު ޢަރަބި ލިސްޓުތަކަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފައެވެ.














