ރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު، ކައިވެނިކުރާ ދެމީހުންގެ ތެލެސީމިއާ ކާޑު ހުށަހެޅުން އެ ކޯޓުތަކުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.
ފެމިލީ ކޯޓުން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ކައިވެނިކުރަން އެދޭ ދެ މީހުން ތެލެސީމިއާއަށް ޓެސްޓުކުރުމަށްފަހު އޭގެ ނަތީޖާ ފޯމާއެކު ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް، ދެމީހުންގެ ތެރެއިން އެކަކީ އެ ބައްޔަކީ ވާރުތަކުރާ ގޮތެއް ނެތް މީހެއްކަން ސާފުވާނަމަ، ދެވަނަ މީހާގެ ޓެސްޓު ނަތީޖާ ހުށަހެޅުން ލާޒިމެއް ނޫނެވެ.
މި އައު އުސޫލަށް އަމަލުކުރަން ފެށުމާއެކު، މާދަމާއިން ފެށިގެން މެޖިސްޓްރޭޓް ކޯޓުތަކުން ކައިވެނިކޮށްދެމުންދާނީ މި ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އެކަންޏެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކުގެ އިދާރީ ކަންކަން ބަލަހައްޓަމުން އަންނައިރު، މީގެ ކުރިންވެސް ބައެއް ކޯޓުތަކުން މި މައުލޫމާތު ހުށަހެޅުމަށް އަންގާފައިވެއެވެ. އެހެންނަމަވެސް، ބައެއް ރަށްރަށުގައި މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދީ ފޯމު ހުށަހަޅަމުންދާކަން މީގެކުރިން ވަނީ ފާހަގަކުރެވިފައެވެ.
މެޖިސްޓްރޭޓް ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް 18 އަހަރުފަހުން އެކުލަވާލި އައު ގަވާއިދުގެ ތެރެއިން، ކައިވެނިކުރުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކުރުމުގެ ކަންކަމަށް ގާނޫނީ ގޮތުން އިތުރު ބާރެއް ވަނީ ލިބިގެންގޮސްފައެވެ.
ކައިވެނިކުރުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކުރުމަކީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބާރުއަޅަމުން އަންނަ ކަމެކެވެ.














