ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ސުނާމީ ބިނާއިން ފެށިގެން އެމްޕީއެލްއާ ހަމައަށް މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުފަހަރާއި އެހެނިހެން ތަކެތި ނެގުމަށް ހައުސިންގ މިނިސްޓްރީން އަންގައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސަރަހައްދު ތައްޔާރުކުރުމުގެ ގޮތުން، ސުނާމީ ބިނާއިން ފެށިގެން އެމްޕީއެލްއާ ދެމެދު ބޮޑުތަކުރުފާނު މަގުގައި ބަހައްޓާފައިވާ އެންމެހައި ތަކެއްޗާއި، ސުނާމީ ބިނާ ސަރަހައްދުގެ ފަޅުގައި އަޅާފައިވާ އުޅަނދުފަހަރު ނަގައި، އެ ސަރަހައްދު އެއްކޮށް ހުސްކުރަންޖެހޭ ކަމަށެވެ.
އެހެންކަމުން، މި ތަކެއްޗާއި އުޅަނދުފަހަރުގެ ވެރިފަރާތްތަކުން 3 އޮކްޓޫބަރު 2026 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 11:00 ގެ ކުރިން އެ ތަކެތި ނަގައި ނިންމެވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދެވިފައިވާ މުއްދަތުގެ ފަހުން މަގުމަތީގައި ނުނަގައި ހުންނަ ތަކެއްޗާއި، ފަޅުގައި އަޅާފައި ހުންނަ އުޅަނދުފަހަރު މިނިސްޓްރީގެ ބެލުމުގެ ދަށުން ނަގަމުން ގެންދާނެ ކަމަށްވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ދަތުރުފަތުރުގެ ނިޒާމަށް ދާއިމީ ލުއިފަސޭހަކަމެއް ގެނެސްދެއްވުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން، އެންމެ ފަހުން ބޮޑުތަކުރުފާނު މަގުން ތަރައްގީކޮށް ނިންމި ބަޔާއެކު، ޢާންމު ދަތުރުފަތުރަށާއި ޓްރެފިކް ތޮއްޖެހުމަށް ވަނީ ވަރަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައެވެ.














