ސަރުކާރުން އިފްތިތާޙުކުރި ”ދިވެހި ވަޠަނީ ޚިދުމަތް“ (ނޭޝަނަލް ސަރވިސް) ޕްރޮގްރާމްގެ ފުރަތަމަ އަހަރުގެ ތެރޭގައި ޖުމްލަ 1,164 ޒުވާނުން ތަމްރީނުކޮށް ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1 އޮކްޓޫބަރު 2025 ގައި ފެށި މި ޚިދުމަތުގެ ތެރެއިން ކޮންމެ އަހަރަކު 1،000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި ފުރަތަމަ އަހަރުވެސް މާތް ﷲ ގެ ވާގިފުޅާއެކު ޙާޞިލް ކުރެވިފައިވާ ކަމަށެވެ. އަދި ފާއިތުވި އެއް އަހަރަކީ ދިވެހި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް އުޖާލާކޮށްދިނުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު އަހަރެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަމްރީނުތަކުގެ ތަފްޞީލަށް ބަލާއިރު، ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ގެ ތެރެއިން 1,028 ޒުވާނުން ތަމްރީނު ކުރެވުނުއިރު، ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ ޕްރޮގްރާމުން 136 ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.
މި ޕްރޮގްރާމްގެ ކުރިމަގަށް އަމާޒުކޮށް ސަރުކާރުން ވަނީ ނޭޝަނަލް ސަރވިސްގެ ތެރެއަށް ފަންނީ އިތުރު ދާއިރާތައް ތަޢާރަފްކުރުމަށާއި އިންޓަރންޝިޕް ޕްރޮގްރާމްތައް ފެށުމަށް ރާވާފައެވެ. މީގެއިތުރުން ތަމްރީނު ފުރިހަމަކުރާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި ނޭޝަނަލް ކެރިއަރ ސަރވިސްގެ ދައުރު އިތުރަށް ފުޅާކުރުމަށްވެސް ވަނީ ނިންމާފައެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަމްރީނުތައް ފުރިހަމަކުރި ޒުވާނުންނަށާއި އެފަރާތްތަކުގެ ޢާއިލާތަކަށް ތަހުނިޔާ ދަންނަވައި، މުޅި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޝާމިލުވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.














