ޔުއެފާ ނޭޝަންސް ލީގުގައި މުހިންމު މެޗުތަކެއް ކުރިއަށް އޮއްވައި، ވާމްއަޕް ވެސް ކުރުވުމަށްފަހު މެޗުގައި ކުޅެން ފުރުސަތު ނުދިނުމާ ގުޅިގެން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޤައުމީ ޓީމު ދޫކޮށް ގޮސްފިއެވެ.
ނޭޝަންސް ލީގުގައި ރޭ ޑެންމާކާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގެ ކުރިން ރޮނާލްޑޯ ޓީމުގެ ކޭމްޕް ދޫކޮށް ދިޔުމަށްފަހު ބުނީ، ވޭތުވެދިޔަ 18 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޤައުމީ ޒިންމާއާ ދުރަށް ޖެހިލަން ނިންމި އަސްލު ސަބަބު ފަހުން ހާމަކުރާނެ ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އުމުރުން 41 އަހަރުގެ ތަޖުރިބާކާރު ފޯވާޑް ހިތްހަމަނުޖެހުނީ ބުދަ ދުވަހުގެ ރޭ ނޯވޭ އަތުން ޕޯޗުގަލް މޮޅުވި މެޗުގައި އޭނާ ބެންޗުގައި ބޭންދުމަށްފަހު ކުޅެން ނޭރުވުމުންނެވެ.
ޕޯޗުގަލްގެ ޤައުމީ ޓީމަށް 234 މެޗު ކުޅެދީ، އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ރޮނާލްޑޯ ބުނީ، ޓީމާ ވަކިވީ ޕޯޗުގަލްގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސާ ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި ޕޯޗުގަލްގެ ރައްޔިތުންނަށް އެންމެ ރަނގަޅު ވަގުތެއްގައި މި ނިންމުމުގެ ތަފްސީލު ހާމަކުރާނެ ކަމަށް އޭނާ ބުންޏެވެ. ބައިނަލްއަޤްވާމީ މީޑިއާތަކުން ބުރަވާ ގޮތުގައި މިއީ ވަރަށް ސީރިއަސް އަދި ބޮޑު މައްސަލައެކެވެ.
ނޯވޭ މެޗުގެ ފުރަތަމަ އެގާރައިގައި ރޮނާލްޑޯ ނުހިމެނުނު ނަމަވެސް، ކޯޗު ޖޯޖް ޖެސޫސް އޮތީ މެޗުގެ ފަހު 30 މިނެޓުގައި އޭނާ ކުޅެން އަރުވާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެ ފުރުސަތު ނުދެވުނު ސަބަބު ބަޔާންކުރަމުން ކޯޗު ޖެސޫސް ބުނީ، އެ ވަގުތު ކުޅެމުންދިޔަ ގޮންކާލޯ ރާމޯސް މޮޅު ކުޅުމެއް ދައްކައި ލަނޑު ޖަހަމުން ދިޔުމުން އޭނާ ބަދަލުކުރަން ބޭނުން ނުވީ ކަމަށެވެ. މެޗުގެ އޮއިވަރު ދިޔަ ގޮތުން ރޮނާލްޑޯ އަށް ފުރުސަތު ނުދެވުނު ނަމަވެސް، ވާމްއަޕް ކުރުވުމަށްފަހު ފުރުސަތު ނުލިބުމުން ކޮންމެ ކުޅުންތެރިއަކު ވެސް މާޔޫސްވާނެ ކަމަށް ކޯޗު އެއްބަސްވިއެވެ.
ރޮނާލްޑޯއާ ދެމެދު ޒާތީ އެއްވެސް މައްސަލައެއް ނެތް ކަމަށް ފުރަތަމަ ބުނި ނަމަވެސް، ފަހުން ވާހަކަ ދައްކަމުން ކޯޗު ޖެސޫސް ވަނީ ވަރަށް ހަރުކަށި އިބާރާތުން ވާހަކަ ދައްކާފައެވެ.
”އަހަރެން ގޮތް ނިންމާނީ. އެކަމުގައި ކުޅުންތެރިން މައްސަލަ ޖައްސާނެ ތަނެއް ނޯންނާނެ. އަހަރެން ރޮނާލްޑޯއާއެކު ސައޫދީ ލީގުގައި ވެސް މަސައްކަތް ކުރިން. އޭނާގެ އުމުރަށް ބަލާއިރު މެޗު ކުޅޭ ދުވަސް ނޫން އަނެއް ދުވަހު ގިނައިން ޕްރެކްޓިސްހެއް ނުކުރޭ. ޤައުމީ ޓީމުގައި އޭނާ ހުރީ ކުޅެން ތައްޔާރަށް، އެކަމަކު ގޮތް ނިންމާނީ އަހަރެން. އަހަރެން އޭނާ ގާތުގައި ވެސް ބުނިން މިރޭ ޑެންމާކް މެޗުގައި ނުކުޅުވާނެ ވާހަކަ. އެއްވެސް ކުޅުންތެރިއަކަށް އަހަރެންގެ ވިސްނުމެއް ބަދަލެއް ނުކުރެވޭނެ،“ ޖެސޫސް ބުންޏެވެ.
ވޭތުވެދިޔަ 18 އަހަރު ތެރޭގައި ސްކޮޑުގައި ހިމެނި، އެއްވެސް މިނެޓަކު ނުކުޅެ ބެންޗުގައި އިންނަން ޖެހުނު މިއީ ފުރަތަމަ ފަހަރަށް ވުމާއެކު، ރޮނާލްޑޯ މި ނިންމި ނިންމުމަކީ ޕޯޗުގަލް ފުޓުބޯޅައަށް ލިބުނު ބޮޑު ސިހުމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.














