Saturday, 24 October 2026

Ads by

ދިވެހި ވަޠަނީ ޚިދުމަތަށް 1 އަހަރު: ޤައުމީ ރޫޙާއި ހުނަރުވެރިކަން ދިރުވައިދިން ކާމިޔާބު ފެށުމެއް

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 1 އޮކްޓޯބަރ 2025ގައި ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކޮށްދެއްވުން -- ފޮޓޯ: އެމްއެންޑީއެފް

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފެށުނުތާ މިއަދަށް 1 އަހަރު ފުރޭއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އަޚްލާޤު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމުގެ މަޤްޞަދުގައި ފެށުނު މުހިންމު ޤައުމީ އިނިޝިއޭޓިވްއެކެވެ.

މި ޚިދުމަތަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ އަދި ޤައުމަށް ދިމާވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ސިފަ އަށަގެންފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމުކުރާ އަދި ތެދުވެރި ބައެއްގެ ގޮތުގައި ބައްޓަންކުރުން ހިމެނެއެވެ. މީގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ މުހިންމު ހުނަރުތައް ދަސްވެފައިވާ، އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންތަކެއް ޤައުމަށް ނެރުމަކީވެސް މި ޚިދުމަތުގެ ބޮޑު މަޤްޞަދެކެވެ.

ޒުވާނުންގެ މެދުގައި އިޖުތިމާޢީ ތަފާތު ގޮންޖެހުންތަކާއި ވަޒީފާގެ މައިދާނަށް ބޭނުންވާ ހުނަރުތައް މަދުވުމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަކީ މި ފަދަ ޕްރޮގްރާމެއް ފެށުމުގެ މައިގަނޑު އެއް ސަބަބެވެ. ޤައުމުގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނަށްވެފައި، އެ ޒުވާނުންނަކީ އުފެއްދުންތެރި އަދި އަޚްލާޤީ ގޮތުން ހަރުދަނާ ބަޔަކަށް ހެދުމަކީ މުޅި އިޖުތިމާޢީ ފޭރާން ރަނގަޅުކުރުމަށާއި ޤައުމީ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތައް ކުރިއަށްގެންދަނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ. މާފިލާފުށީގައެވެ. މި ޕްރޮގްރާމުގެ ދަށުން ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ (އެންއެސްއައިޓީ) އަދި ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ (އެންއެސްއެސްޓީ) އަންނަނީ ކާމިޔާބުކަމާއެކު ހިންގަމުންނެވެ.

ދިވެހި ވަޠަނީ ޚިދުމަތަށް ލިބެމުންދާ ބޮޑު ތަރުހީބުން ސާވިތުވަނީ މި ޕްރޮގްރާމްގެ ކާމިޔާބީގެ ފޮނިކަން — ފޮޓޯ: އެމްއެންޑީއެފް

މިހާތަނަށް އެންއެސްއައިޓީގެ 3 ބެޗެއްގެ ތަމްރީނު ނިންމާލާފައިވާއިރު، ޖުމުލަ 1,028 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 842 ފިރިހެން ދަރިވަރުންނާއި 186 އަންހެން ދަރިވަރުންނެވެ. މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް 1,052 ދަރިވަރުން އެންރޯލްވި އިރު، ކޮންމެ ބެޗަކުންވެސް ގިނަ އަދަދެއްގެ ޒުވާނުން ވަނީ ސާބިތުކަމާއެކު ތަމްރީނު ފުރިހަމަކޮށްފައެވެ.

ހުނަރުވެރިކަން ދަސްކޮށްދިނުމަށް ހިންގާ އެންއެސްއެސްޓީގެ ފުރަތަމަ ބެޗުން 63 ދަރިވަރުން ދަސްވެނިވެފައިވާއިރު، ދެވަނަ ބެޗުގެ ތަމްރީނުތައް 73 ދަރިވަރުންނާއެކު މިހާރުވެސް ދަނީ ކުރިއަށެވެ. މީގެ އިތުރުން ކުރިއަށް އޮތް އޮކްޓޫބަރު މަހު ފެށުމަށް ރޭވިފައިވާ އެންއެސްއެސްޓީ 3 އަދި އެންއެސްއައިޓީ 4 ޕްރޮގްރާމްގައި ޖުމުލަ 436 ދަރިވަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި 352 ފިރިހެން ދަރިވަރުންނާއި 84 އަންހެން ދަރިވަރުން ހިމެނެއެވެ.

މި ތަމްރީނުތަކުގެ ތެރެއިން ދަރިވަރުންނަށް އަސްކަރީ އަޚްލާޤާއި، ވަގުތަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ތަފާތު މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްވެގެންދެއެވެ. މީގެ ސަބަބުން ތަމްރީނު ނިންމާ ޒުވާނުންނަށް ވަޒީފާގެ މައިދާނަށް ނުކުތުމަށާއި، އަމިއްލަ މަސައްކަތްތައް ފެށުމަށް ބޮޑެތި ފުރުޞަތުތަކެއް ހުޅުވިގެންދާއިރު، އެކި ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރުމުގެ ބާރުވެރިކަން އެ ޒުވާނުންނަށް ލިބިގެންދެއެވެ.

މި ޚިދުމަތުގެ ތަމްރީނުތަކުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒުވާނުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގެ 20 އަތޮޅުން ދަރިވަރުން ބައިވެރިވެފައިވާއިރު، އެންމެ ގިނައިން ދަރިވަރުން ބައިވެރިވެފައިވަނީ ކ. އަތޮޅު (155 ދަރިވަރުން)، ލ. އަތޮޅު (99 ދަރިވަރުން)، ހދ. އަތޮޅު (95 ދަރިވަރުން)، ތ. އަތޮޅު (73 ދަރިވަރުން) އަދި ރ. އަތޮޅުންނެވެ (69 ދަރިވަރުން). މިއީ ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ދިވެހި ވަޠަނީ ޚިދުމަތުން ހޯދާފައިވާ ބޮޑު ކާމިޔާބީއެކެވެ.

ދިވެހި ވަޠަނީ ޚިދުމަތް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާވެ، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ޒުވާނުންނަށް މި ފުރުޞަތު ލިބެމުންދިއުމަކީ ޤައުމީ އެއްބައިވަންތަކަން ބަދަހިވެ، އިޖުތިމާޢީ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމެކެވެ. މީގެ އިތުރުން، ކާރިސާތަކާއި ކުއްލި ޙާލަތްތަކުގައި ޤައުމުގެ އިސްސަފުގައި ތިބެގެން ޚިދުމަތްކުރާނެ ތައްޔާރީ ޖީލެއް އުފެދިގެންދިއުމަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލަށް ލިބިގެންދާނެ ވަރަށް ބޮޑު އުއްމީދެކެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް