ގައުމު ނިކަމެތިވެގެން ދާން ދޫކޮށްލައިގެން ތިބެވެން ނެތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ހިތްވަރާއެކު ސާބިތުކޮށްދެއްވަމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫއަކީ، މާލޭ ވިޔަފާރި ބަނދަރުގެ ހަލަތު ބަދަލުކޮށް، ޒަމާނީކޮށް، އަދުގެ އިގުތިސާދީ ހަގީގަތްތަކާއި ފައިހަމަކޮށް ވިޔަފާރީގެ ކާރުބާރު ހަލުވިކޮށް ފަސޭހަކޮށްދިނުން ކަމަށެވެ. އަދި މިކަމާ ގުޅޭ ހިޔާލު މީގެ އެތައް އަހަރުތަކެއް ކުރިން ކަމާބެހޭ އިދާރާތަކުން ކުރަމުން ދިޔަ ނަމަވެސް އެތައް ޒަމާނެއް ވެގެން ދިޔައިރުވެސް ރާއްޖޭގެ މައި ވިޔަފާރި ބަނދަރު އޮތީ އެންމެ ފުރަތަމަ މި ބަނދަރު މާލޭގައި ތަރައްގީކުރެވިފައިވާ މިންވަރަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”މިކަމުގެ ހިޔާލު މީގެ އެތައް އަހަރުތަކެއް ކުރިން ކަމާބެހޭ އިދާރާތަކުން ކުރަމުން ދިޔަ. ނަމަވެސް އެތައް ޒަމާނެއް ވެގެން ދިޔައިރުވެސް ރާއްޖޭގެ މައި ވިޔަފާރި ބަނދަރު އޮތީ އެންމެ ފުރަތަމަ މި ބަނދަރު މާލޭގައި ގާއިމްކުރި މިންވަރަށް. ގެނެވިފައި ހުރީ ވަރަށް ކުދިކުދި ތަރައްގީ.“ – މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
މި ހާލަތު ބަދަލުކުރެއްވުމަށްޓަކައި އިސްނަންގަވައި، އެކަމުގެ އަމަލީ މަސައްކަތްޕުޅު ފައްޓަވައި، ގައުމުގައި ހުރި މިނޫންވެސް މިފަދަ އެތައް ބޮޑެތި މައްސަލަތަކެއް ހައްލުކުރައްވަމުން ރައީސް މުޢިއްޒު ގެންދަވަނީ ހިކުމަތްތެރިކަމާއެކުގައި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި، އިގުތިސާދީ އެތައް ގޮންޖެހުމެއްގެ ތެރޭގައި، ގައުމު ނިކަމެތިވެގެން ދާން ދޫކޮށްލައިގެން ތިބެވެން ނެތްކަން ރައީސް މުޢިއްޒު ގެންދަވަނީ ހިތްވަރާއެކު ސާބިތުކޮށްދެއްވަމުން ކަމަށެވެ.
ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫޢަކީ، މާލޭ ވިޔަފާރި ބަނދަރުގެ ޙާލަތު ބަދަލުކޮށް، ޒަމާނީކޮށް، އަދުގެ އިޤްތިޞާދީ ހަޤީޤަތްތަކާއި ފައިހަމަކުރުން. ވިޔަފާރީގެ ކާރުބާރު ހަލުވިކޮށް ފަސޭހަކޮށްދިނުން.
މިކަމުގެ ޚިޔާލު މީގެ އެތައް އަހަރުތަކެއް… pic.twitter.com/hGojPlMYsS
— Mohamed Saeed (@em_saeed) September 30, 2026
މީގެ އިތުރުން، ވެރިއެއްގެ ޒިންމާއަކީ ހުރަސްތަކާއި އުނދަގޫތަކާއި ކުރިމަތިލައްވައި، އިހުލާސްތެރި މަސައްކަތެއް ކޮށްދެއްވައި، އެ ހާލަތުން ގައުމު މިންޖުކޮށްދެއްވުންކަން ރައީސް މުޢިއްޒު ކަށަވަރުކޮށްދެއްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ތިލަފުށީގައި ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ބަނދަރަކީ ވިޔަފާރި މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ ކަންކަން މިހާރަށްވުރެ އަވަސް އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށްގެންދިއުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން މުދާ ކްލިއަރ ކުރުން ފަދަ ކަންކަމުގައި މިހާރު ހުރި ދަތިތައް އެއްކޮށް ނައްތާލެވޭނެ ކަމަށް ސަރުކާރުން ދެކެއެވެ.














