ދުބާއީން ތެލް އަވީވްއަށް ދަތުރުކުރަމުންދަނިކޮށް ސައުދީ އަރަބިއްޔާގެ ތަބޫކަށް ޖެއްސި ”ފްލައިދުބާއީ“ ބޯޓުގެ މައްސަލައަކީ ހައިޖެކް ކުރުމުގެ ޙާދިސާއެއް ނޫންކަމަށް އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ކަށަވަރުކޮށްދީފިއެވެ.
ފުރަތަމަ ލިބުނު މަޢުލޫމާތުތަކުން މިއީ ’ޓެރަރިސްޓް‘ ޙަމަލާއެއްކަމަށް ބެލެވުނު ނަމަވެސް، އިޒްރޭލުގެ އޮފިޝަލުންނާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ ބޯޓު ދުއްވަން ތިބި ދެ ޕައިލެޓުންގެ މެދުގައި ހިނގި މާރާމާރީއަކާ ގުޅިގެންނެވެ.
ފްލައިޓް ޓްރެކިންގ މަޢުލޫމާތުތަކުން ދައްކާގޮތުގައި، ބޯޓުން ފުރަތަމަ ފޮނުވާފައިވަނީ ފްލައިޓް ހައިޖެކްކުރުމުން ފޮނުވާ 7500 ގެ ކޯޑެވެ. އޭގެ ފަހުން އާންމު ކުއްލި ޙާލަތްތަކުގައި ބޭނުންކުރާ 7700 ކޯޑަށް ބަދަލުކޮށް، ސަޢޫދީގެ ތަބޫކް އެއަރޕޯޓަށް ވަނީ ޖައްސާފައެވެ.
ބޯޓުގައި ތިބި ބައެއް ފަސިންޖަރުންނާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޓު ތެރެއިން ހަޅޭއްލަވާ އަޑު އިވުނު ކަމަށާއި، އަދި ވަރަށް ބޮޑަށް ލޭ ފެންނަން ހުރިކަމަށްވެސް ބުނެފައިވެއެވެ.
މިއީ ހައިޖެކް ކުރުމުގެ ޙާދިސާއެއްކަމަށް ފުރަތަމަ ބެލެވުމާ ގުޅިގެން، އިސްރާއީލުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.
ބޯޓުގައި ތިބި އިސްރާއީލުގެ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމަށްޓަކައި، ފްލައިދުބާއީއިން ދަނީ އިތުރު ބޯޓެއް ތަބޫކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އިސްރާއީލާއި ސައުދީއާ ދެމެދު ރަސްމީ ސިޔާސީ ގުޅުމެއް ނެތުމުން، މިކަން ކުރަމުންދަނީ ވަރަށް ބޮޑަށް ފަރުވާތެރިވެގެންނެވެ.













