ވަޒީފާގެ ވާޖިބުތައް އަދާކުރުމުގައި ދެމިތިއްބައި ނިޔާވާ ފުލުހުންގެ އާއިލާތަކަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބޭސްފަރުވާގެ އެންމެހައި އިންތިޒާމުތަކެއް ހަމަޖައްސައިދޭން ލާޒިމުވާ ގޮތަށް ފުލުހުންގެ ވަޒީފާގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
މި އިސްލާހު ގެނައުމަށްފަހު ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ. އަލަށް ގެނެވުނު އިސްލާހުގައިވާ ގޮތުން، ހިދުމަތުގައި ދެމިތިބޭ ފުލުހުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ލިބިދޭ ބޭސްފަރުވާގެ އިނާޔަތްތައް، ވަޒީފާގެ ވާޖިބު އަދާކުރަނިކޮށް ނިޔާވާ ފުލުހުންގެ އާއިލާތަކަށްވެސް ލިބިދޭން ޖެހޭނެއެވެ. މީގެ އިތުރުން، ހިތާމަވެރި ހާދިސާތަކުގައި ނިޔާވާ ފުލުހުންގެ ޖަނާޒާވެސް ހާއްސަ ރަސްމިއްޔާތެއްގެ ގޮތުގައި ބޭއްވުމުގެ އިހްތިޔާރު މި ގަވާއިދުގެ ދަށުން ފަހިކޮށްދީފައިވެއެވެ.
ނަމަވެސް، އެކަން އެގޮތަށް ހަމަޖައްސަންޖެހޭނީ ހާދިސާ ހިނގި ގޮތާއި، ނިޔާވީ ކޮން ހާލަތެއްގެ ސަބަބުންތޯ ބެލުމުގެ އިތުރުން، އެ މުވައްޒަފަކު އަދާކުރި ދައުރަށް ރިއާޔަތްކޮށް، ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުން މައްސަލަ ދިރާސާކުރުމަށްފަހު ނިންމާ ގޮތެއްގެ މަތިން ކަމަށްވެސް އަލަށް އެކުލަވާލެވުނު ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ފުލުހުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ސިއްހީ ފަރުވާ ހޯދުމަށް 618.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ހަމައެހެންމެ ސިފައިންނާއި އެ ފަރާތްތަކުގއ އާއިލާތަކަށް 601 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.
އަދި މި މުއްދަތުގެ ތެރޭގައި އެވްރެޖްކޮށް ފުލުހުންގެ ބޭސްފަރުވާގެ ހަރަދަށް 24 އިންސައްތަ އަދި ސިފައިންގެ ބޭސްފަރުވާގެ ހަރަދަށް 23 އިންސައްތަ ވަނީ މައްޗަށް ގޮސްފައެވެ.














