ކަރަންޓުގެ އަގާއި، ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ހިދުމަތުގެ އިތުރުން ދުންފަތުގެ ބާވަތްތަކުގެ އަގުތަކަށް އައި ބަދަލުތަކާއެކު، ހުސްވި އޮގަސްޓު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ނުވަތަ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ބޮޑުތަނުން ދަށަށް ގޮސްފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތަކުން ހާމަވެއްޖެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހު 0.24 އިންސައްތައިގައި ހުރި އިންފްލޭޝަން، މަހުން މަހަށް ބަލާއިރު އޮގަސްޓު މަހު ވަނީ 1.15 އިންސައްތައަށް ދަށްވެފައެވެ. މިއާއެކު، އަހަރުން އަހަރަށް ބަލާ އިންފްލޭޝަން ރޭޓް، ޖުލައި މަހުގެ 2.31 އިންސައްތައިން އޮގަސްޓު މަހު ވަނީ 0.76 އިންސައްތައަށް ތިރިވެފައެވެ. ސަރަޙައްދީ ފެންވަރުގައި އިންފްލޭޝަނަށް އައި ބަދަލުތަކަށް ބަލާއިރު މާލެ ސަރަޙައްދުގައި 1.57 އިންސައްތައިގެ ދަށްވުމެއް ވަނީ އައިސްފައެވެ. އަދި އޮތޮޅުތެރޭގެ ރަށްތަކުގައި 0.54 އިންސައްތައިގެ ދަށްވުމެއް ވަނީ އައިސްފައެވެ.
އިންފްލޭޝަން ދަށްވުމުގެ މައިގަނޑު ސަބަބަކީ، ކަރަންޓު ޔުނިޓަކަށް ނަގާ އަގުން 3.21 އިންސައްތަ އަދި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ އަގުން 8.41 އިންސައްތަ ހެޔޮވުމެވެ. މީގެއިތުރުން، އިމްޕޯޓް ޑިއުޓީއަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ސިނގިރޭޓުގެ އަގުން 31.64 އިންސައްތަ ދަށަށް ގޮސް، ދުންފަތާއި ދުފާތަކެތީގެ އަގުތަކުން ޖުމްލަ 22.63 އިންސައްތައިގެ ބޮޑު ދަށްވުމެއް ވަނީ ރެކޯޑުކުރެވިފައެވެ. ޖުމުލަ އިންފްލޭޝަން ތިރިވި ނަމަވެސް، ކާބޯތަކެތީގެ ބާވަތްތަކުގެ އަގު ވަނީ 0.96 އިންސައްތަ އުފުލިފައެވެ. މިގޮތުން އަގު އެންމެ ބޮޑަށް މައްޗަށް ދިޔަ ބާވަތްތަކަކީ:
- ކެރެޓް: %16.75
- އޮރެންޖު: %11.62
- މިރުސް: %11.53
- ކައްޓަލަ/އަލުވި: %8.63
- ކުކުޅުބިސް: %6.58
މީގެއިތުރުން، ކުޅިވަރު އަންނައުނާއި އެހެނިހެން އަންނައުނުގެ އަގު އުފުލުމާ ގުޅިގެން، ފޭރާމާއި އަންނައުނުގެ ބައިން 0.87 އިންސައްތައިގެ އިތުރުވުމެއް ވަނީ ފާހަގަކުރެވިފައެވެ. އަދި މޮބައިލް ހިދުމަތްތަކުގެ އަގު ބޮޑުވުމުގެ ސަބަބުން މުވާސަލާތީ ހިދުމަތްތަކުގެ ބައިން 0.81 އިންސައްތަ، ކެފޭ އަދި ރެސްޓޯރަންޓްތަކުގެ ހިދުމަތްތަކުން 0.77 އިންސައްތަ، އައިނުގެ އަގުތަކުން 0.65 އިންސައްތަ، އަދި ގޭތެރޭގެ ހިފާގެންގުޅޭ ސާމާނުގެ ބައިން 0.05 އިންސައްތަ އަގުތައް ވަނީ އުފުލިފައެވެ. ނަމަވެސް، ތައުލީމީ އަދި މާލީ ހިދުމަތްތަކުގެ އަގުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) އަކީ އާންމު ގޭބިސީތަކުގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ހޯދާ މުދަލާއި ހިދުމަތްތަކުގެ އަގަށް އަންނަ ބަދަލުތައް މިންކުރުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބޭނުންކުރާ މައިގަނޑު މިންގަނޑެވެ. މި މިންގަނޑު އެކުލަވައިލުމަށް އެމްބީއެސްއިން ކޮންމެ މަހަކުވެސް މާލެއާއި އަތޮޅުތައް ހިމެނޭހެން 9,500 އަށްވުރެ ގިނަ ބާވަތުގެ އަގުތައް ގަވާއިދުން މޮނިޓަރކޮށް، މައުލޫމާތު އެއްކުރަމުން ގެންދެއެވެ.
ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާތީ، ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖޭގެ އިންފްލޭޝަނަށް ނުހަނު ބޮޑަށް ފޯރައެވެ. އަދި ސަރުކާރުން ކަރަންޓާއި އަސާސީ ހިދުމަތްތަކުގެ އަގު ހިފެހެއްޓުމަށް ދޭ ސަބްސިޑީގެ ސިޔާސަތަށް އަންނަ ބަދަލުތަކާއި، އިމްޕޯޓް ޑިއުޓީއަށް ގެނެވޭ އިސްލާހުތަކުގެ އިތުރުން، މޫސުމީ ދަތުރުފަތުރުގެ އަގުތަކަށް އަންނަ ބަދަލުތަކަކީ މަހުން މަހަށް ސީޕީއައި މައްޗަށް ދިއުމާއި ދަށަށް ދިއުމުގެ މައިގަނޑު ސަބަބުތަކެވެ.











ތަކެތީގެ އަގު ވަނީ މައްޗަޢް އުފުލިފައި