އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ޗިއްލާ ޚާދަރު (ޔަމުނާ ޚާދަރު) ސަރަޙައްދުގައި ހުރި ގެތައް ސަރުކާރުން ތަޅާލުމާ ގުޅިގެން، އެތައް އާއިލާއެއް މަގުމަތިވެއްޖެއެވެ. މަކްތޫބް މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގެތައް ތަޅާލުމުގެ ސަބަބުން ތުއްތު ކުދިންނާއެކު އާއިލާތަކުން މިހާރު ދިރިއުޅެމުންދަނީ ވާރޭގެ ތެރޭގައި ޕްލާސްޓިކް ޓެންޓުތަކުގެ ދަށުގައެވެ.
ކުއްލި ގޮތަކަށް ސަރުކާރުގެ ފަރާތުން ޗިއްލާ ޚާދަރުގައި ހުރި ގެތައް ތަޅާލުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ވަނީ ގެދޮރު ގެއްލިފައެވެ. ބަދަލުގައި ދިރިއުޅޭނެ އެހެން ތަނެއް ދައުލަތުން ހަމަޖައްސައިދީފައި ނުވާއިރު، މި އާއިލާތަކުން ދިރިއުޅެމުންދަނީ ވަރަށް ދަތި ޙާލުގައެވެ.
ގެދޮރު ގެއްލުމުގެ އިތުރުން، މި މީހުންނަށް ކުރިމަތިވެފައިވާ އަނެއް ބޮޑު މައްސަލައަކީ ވޯޓަރސް ލިސްޓުން އެމީހުންގެ ނަންތައް އުނިކޮށްފައިވުމެވެ. ވޯޓުލުމުގެ ޙައްޤު ގެއްލުމުގެ އިތުރުން، ވޯޓަރސް އައިޑީ ކާޑަކީ އެމީހުން އެތާނގައި ދިރިއުޅުނުކަން ސާބިތުކޮށްދޭ މައިގަނޑު ލިޔުމަށްވާއިރު، މިކަމުގެ ސަބަބުން ބަދަލު ހޯދުމަށްވެސް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ.
މިފަދަ ޢަމަލުތަކަކީ، އިންޑިއާގައި ވެރިކަންކުރާ ހަރުކަށި ހިންދޫ ޤައުމިއްޔަތަށް ތާއީދުކުރާ ސަރުކާރުން، ޚާއްޞަކޮށް މުސްލިމުންނަށް އަމާޒުކޮށްގެން ހިންގަމުންދާ ބޮޑު ރޭވުމެއްގެ ބައެއްކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވަނީ ފާހަގަކޮށްފައެވެ. ބީޖޭޕީގެ ނުފޫޒު އޮންނަ ސަރަޙައްދުތަކުގައި، އުމްރާނީ ތަރައްޤީގެ ނަމުގައި ”ބުލްޑޯޒަރ ޖަސްޓިސް“ ބޭނުންކޮށްގެން މުސްލިމުންގެ ގެތަކާއި ވިޔަފާރިތައް ދަނީ ބިމާހަމަކުރަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި މީގެ އަޑީގައި އޮތް އަސްލު މަޤްޞަދަކީ މުސްލިމުން އެ ސަރަޙައްދުތަކުން ބޭރުކޮށް، އިންޑިއާއަކީ ހަމައެކަނި ހިންދޫންގެ ޤައުމަކަށް ހެދުމެވެ. ގެދޮރު ތަޅާލުމާއެކު ވޯޓަރސް ލިސްޓުން ނަންތައް އުނިކުރުމުން، މި މީހުންނަށް ދިރިއުޅޭނެ ތަނެއްގެ އިތުރުން ސިޔާސީ ގޮތުން ލިބިދޭންޖެހޭ ޙައްޤުތައްވެސް ވަނީ މުޅިން ގެއްލިފައެވެ.














