އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވީޑިއޯތައް އުފެއްދުމުގެ ކުޅަދާނަކަން އިތުރުކޮށް، މޮޑެލްތަކުގެ ހިންގުން އަވަސްކުރުމަށްޓަކައި، މީދަލުގެ ސިކުނޑީގެ ސެލްތަކުގެ ނިއުރަލް ޕެޓާން ތަކުގެ މައްޗަށް ބިނާކޮށް އޭއައި މޮޑެލްތަކެއް ތަރައްޤީކުރުމުގެ މަސައްކަތް އެމަޒޯން ވެބް ސާވިސަސް (އޭޑަބްލިއުއެސް) އާއި އެމެރިކާގެ ސެން ފްރަންސިސްކޯއަށް ނިސްބަތްވާ ”ދަ ބަޔޯލޮޖިކަލް ކޮމްޕިއުޓިންގ ކޮމްޕެނީ“ (ޓީބީސީ ކޯ) ގުޅިގެން ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ޓީބީސީ ކޯ އިން ވަނީ މީދަލުގެ ސިކުނޑީގެ ސެލްތަކުގެ މަސައްކަތްކުރާ ގޮތް ނަކަލުކޮށްގެން އޭއައި ވިޝުއަލް މޮޑެލްތަކުގެ ހިންގުން އަވަސްކޮށް، ހަކަތަ ބޭނުންކުރާ މިންވަރު ކުޑަކުރުމަށް ތައްޔާރުކުރި އާ މޮޑެލްގެ ފުރަތަމަ މަންޒަރުތައް ދައްކާލާފައެވެ.
އޭޑަބްލިއުއެސްގެ ގްލޯބަލް ޑިރެކްޓަރ އޮފް ޓެކް ފޯ ސްޓާޓްއަޕްސް ވަނީ ޓީބީސީ ކޯގެ މި މަސައްކަތަށް ތަޢުރީފުކުރައްވާފައެވެ. އަދި ޖެނެރޭޓިވް އޭއައިގެ މިހާރުގެ މިންގަނޑުތަކުގެ ތެރެއިން މިހާރު ހުރި ވިޝުއަލް މޮޑެލްތައް އިތުރަށް ހަރުދަނާކޮށް އެފިޝަންޓް ކުރުމަށް އެ ކުންފުނިން ގެންގުޅޭ ޢަމަލީ ވިސްނުން އޭނާ ފާހަގަކުރެއްވިއެވެ.
އޭޑަބްލިއުއެސްއިން ބަޔޯލޮޖިކަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އޭއައި އުފެއްދުމުގެ ކަންކަމުގައި ބައިވެރިވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެ ކުންފުނިން ވަނީ އޮސްޓްރޭލިއާގެ ”ކޯޓިކަލް ލެބްސް“ އާއެކުވެސް މީގެ ކުރިން ޕާޓްނަޝިޕެއް ހަދާފައެވެ. ކޯޓިކަލް ލެބްސްއަކީ ލެބޯޓްރީގައި އާލާކުރާ ނިއުރޯންތައް ސިލިކަން ޗިޕްތަކާ ގުޅުވައިގެން ޑޭޓާ ޕްރޮސެސްކުރުމުގެ މަސައްކަތްކުރާ ކުންފުންޏެކެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެމީހުންގެ ނިއުރޯންތައް އެއްފަހަރާ ހަ މަސް ދުވަހުގެ މުއްދަތަށް ދިރިހުރުވުމުގެ ޤާބިލުކަން ލިބިގެންވެއެވެ.
ޓީބީސީ ކޯގެ މީދަލުގެ ސިކުނޑީގެ މޮޑެލް އާންމުކޮށްފައި މިއީ ”އީއޮން ސިސްޓަމްސް“ ނަމަކަށްކިޔާ ސްޓާޓްއަޕަކުން މެހީގެ ސިކުނޑި (ފްލައި ބްރެއިން) ނަކަލުކޮށްގެން ތައްޔާރުކުރި ޑިޖިޓަލް މޮޑެލްއެއްގެ ވީޑިއޯ އާންމުވެ ބޮޑު ސަމާލުކަމެއް ލިބުނު ދަނޑިވަޅެއްގައެވެ. 140,000 ނިއުރޯން ހިމެނޭ އެ މެހީގެ ޑިޖިޓަލް ސިކުނޑިން ވަނީ އަމިއްލައަށް ހަރަކާތްތެރިވުމާއި، އިޙްސާސްތައް ދެނެގަތުމާއި، ހަށިގަނޑު ސާފުކުރުމާއި، ނުރައްކާތަކުން ރައްކާތެރިވުމުގެ އިތުރުން ސްޓޮކް ޓްރޭޑްކުރުމާއި ގޭމް ކުޅުން ފަދަ އުނދަގޫ ކަންކަންވެސް ކާމިޔާބުކަމާއެކު ކޮށްފައެވެ.
މިފަދަ ޓެކްނޮލޮޖީތައް ކުރިއަރަމުންދާއިރު، ދިރޭ ތަކެތީގެ ނިއުރަލް ނިޒާމުތައް ޑިޖިޓަލްކޮށް ނަކަލުކުރުމަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ޖާނަވާރުންނަށް ދެވޭ އަނިޔާއެއްގެ ގޮތުގައި ބެލެވިދާނެތޯ ސުވާލު އުފެދި، އަޚްލާޤީ ބޮޑެތި ބަޙުސްތަކެއް ވަނީ ފެށިފައެވެ. މީގެ އިތުރުން، މި ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސް އިންސާނާގެ ސިކުނޑި ޑިޖިޓަލް ނިޒާމުތަކަށް އަޕްލޯޑް ކުރެވޭ ހިސާބަށް ކަންކަން ގޮސްފިނަމަ ނުކުމެދާނެ ނުރައްކާތަކާ މެދުވެސް ސައިންސްވެރިންނާއި ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މުޅި ކޮމްޕިއުޓިންގ ދާއިރާއަށް ބަލާއިރު، އާދައިގެ ސިލިކަން ޗިޕްތަކުގެ ބަދަލުގައި ބަޔޯލޮޖިކަލް ނިއުރޯންތަކާއި ޖީވަނީ ސެލްތައް ބޭނުންކޮށްގެން ކޮމްޕިއުޓްކުރުމަކީ މިހާރު އޭއައި މޮޑެލްތަކަށް ބޭނުންވާ ބޮޑެތި ކަރަންޓާއި ހަކަތައިގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. ބަޔޯ-ކޮމްޕިއުޓިންގގެ ސަބަބުން ކޮމްޕިއުޓަރުތަކުގެ ސައިޒު ކުޑަވެ، ހަކަތަ ބޭނުންކުރާ މިންވަރު އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށް މާހިރުން އުންމީދު ކުރެއެވެ.











