ނިއުޅެމުންދާ އަޑިނޭނގޭ ކަންކަމަށް ބަލައި، ދިވެހި ޤައުމުގެ ހިމާޔަތުގައި ސިޔާސީ ފިކުރު އެއްކިބާކޮށް ދިވެހިން ތެދުވުމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގޮވާލެއްވުމުން، އެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އިމްރާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުން ޝުޖާއު ވަނީ ”އަޑިނޭނގޭ ކަންކަން“ ނިއުޅެމުންދާ ކަމަށް އިމްރާން ވިދާޅުވުމަކީ ވަރަށް ގޮތްކުޑަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި ވެރިއަކު މުޅި ޤައުމަށް ވީ އެންމެ ބޮޑު ޚިޔާނާތާއި ޣައްދާރުވުން ހިންގާފައިވަނީ އިމްރާންވެސް ކެބިނެޓް ވަޒީރެއްގެ ގޮތުގައި އިންނެވި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.
ނިއުޅެމުންދާ އަޑިނޭނގޭ ކަންކަމޭ ޝެއިޚް ވިދާޅުވުމަކީ ވަރަށް ގޮތްކުޑަ ކަމެއް.ދިވެހިރާއްޖޭގެ ފަހުގެ ތާރީޚްގައި ވެރިއަކު ޤައުމަށްވީ އެންމެ ބޮޑު ޚިޔާނާތް ނުވަތަ ޣައްދާރުވުންވީ ޝެއިޚް ހިމެނޭ ނިމިދިޔަ MDP ސަރުކާރުގައި.ދިވެހިރާއްޖޭގެ ކަނޑުގެ ބައެއް ވަގަށް ސިއްރު ސިޓީއަކުން…
— Ibrahim Shujau (@IbrahimShujaau) September 28, 2026
މިގޮތުން ނިމިދިޔަ ސަރުކާރުން ސިއްރު ސިޓީއެއް މެދުވެރިކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ބައެއް ވަގަށް ވިއްކާލި ކަމަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާ ގުޅޭ މިފަދަ ބޮޑު ޚިޔާނާތެއް ސަރުކާރުން ވަމުންދިޔައިރު އިމްރާން ކެބިނެޓްގައި އިންނަވައިގެން ޤައުމުގެ ހައްޤުގައި ތެދުވެވަޑައިނުގެންނެވީ ކީއްވެގެންތޯ ސުވާލު އުފެއްދެވި ކަމަށެވެ.
މީގެއިތުރުން އިމްރާން މިވަގުތު ތައިލެންޑުގެ ބޭންކޮކްގައި ހުންނެވުމަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ، ބޭންކޮކްގައި ހުންނަވައިގެން ވިސްނޭގޮތާއި ދިވެހިރާއްޖޭގައި ތިބެގެން ޤައުމާމެދު ވިސްނުމުން ވިސްނޭގޮތް ވަރަށް ތަފާތު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ވަޠަންދެކެ ލޯބިވާ، ޤައުމަށް އިޚްލާޞްތެރި ވެރިއެއް ކަމަށް ފާހަގަކުރައްވަމުން، އިމްރާން ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި ހުންނެވުމުން ވިސްނުން ގޯސްވެފައިވާ ކަމަށް ވިދާޅުވެ، އެނބުރި މާލެ ވަޑައިގަތުމަށްވެސް ޝުޖާއު ވަނީ އިމްރާނަށް ގޮވާލައްވާފައެވެ.
އިމްރާން ކުރެއްވި އިސްވެދެންނެވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ދިގު ތާރީޚުގައިވެސް ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ގޮންޖެހުން ކުރިމަތިވި ކޮންމެ ހިނދެއްގައި ދިވެހިން ތެދުވެފައިވާ ފަދައިން، މިހާރު ނިއުޅެމުންދާ ކަންކަމާ ގުޅިގެންވެސް ސިޔާސީ ފިކުރުތައް އެއްކިބާކޮށް ޤައުމުގެ ހިމާޔަތުގައި ތެދުވާންޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ. ނަމަވެސް އެއީ ކޮން އަޑިނޭނގޭ ކަންކަމެއްކަން އިމްރާންގެ ސޯޝަލް މީޑިއާ މެސެޖުގައި ސާފުކޮށްދެއްވާފައެއް ނުވެއެވެ.














