އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ރަޝިޔާއާއި ޖަރުމަނުގެ ޚާރިޖީ ވަޒީރުން ބައްދަލުކޮށް ކުރިއަށްގެންދިޔަ މަޝްވަރާތައް ފޭލިވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ޔޫކްރެއިންގެ އެކި ސަރަޙައްދުތަކަށް ދިން ޙަމަލާތަކެއްގައި މަދުވެގެން 6 މީހުން މަރުވެއްޖެއެވެ.
ޖަރުމަނުގެ ޚާރިޖީ ވަޒީރު ޖޮހާން ވާޑެފުލް ވަނީ ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގޭ ލަވްރޯވް އާ ބައްދަލުކޮށް، ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއިން އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
ލަވްރޯވް ވަނީ މިކަމަށް ދެކޮޅުހަދައި، ޖަރުމަނުން ހަމައެކަނި ކުރާ ކަމަކީ ރަޝިޔާ ކުށްވެރިކުރުންކަމަށް ބުނެފައެވެ. މި ދެޤައުމުގެ ގުޅުން ވަނީ މިދިޔަ މަހު ޖަރުމަނުގެ ލައިޕްޒިގް އެއަރޕޯޓަށް ރަޝިޔާއިން ދޭން އުޅުނު ކަމަށް ޖަރުމަނުން ތުހުމަތުކުރަމުން އަންނަ ޑްރޯން ޙަމަލާއަކާ ގުޅިގެން ވަރަށް ބޮޑަށް ގޯސްވެފައެވެ.
ރަޝިޔާއިން ޔޫކްރޭނުގެ ވެރިރަށް ކީވްއަށް ދިން ޑްރޯން ޙަމަލާތަކެއްގައި 2 މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. އަދި އޮޑެއްސާއަށް ދިން ޙަމަލާއެއްގައި އެކަކު ވަނީ މަރުވެފައެވެ. އުތުރުގައި އޮންނަ ސުމީ ސިޓީއަށް އާދީއްތަ ދުވަހު ވައްޓާލި ބޮންތަކެއްގައި އަންހެނަކާއި 16 އަހަރުގެ އަންހެން ކުއްޖަކު ވަނީ މަރުވެފައެވެ.
ރަޝިޔާގެ ބާރުގެ ދަށުގައި އޮންނަ އެނަރހޮޑަރ ސިޓީއަށް ޔޫކްރެއިނުން ދިން ޑްރޯން ޙަމަލާއެއްގައި އާންމު ރައްޔިތަކު މަރުވެ އިތުރު 2 މީހަކަށް ވަނީ އަނިޔާވެފައެވެ. މިއީ ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓް ހުންނަ ސިޓީއެވެ.














