ގޭންގު މާރާމާރީތައް މުޅިން ހުއްޓުމަކަށް ގެނެވިފައިވާ ކަމަށާއި، މިހާރުވެސް ގޭންގުތަކަށް ނިސްބަތްވާ 10 ލީޑަރެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިޙުސާން މި މޭރުމުން ވިދާޅުވީ ސަރުކާރުގެ މިނިސްޓަރުން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި ”އަހާ“ ފޯރަމްގައި، ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތަފުސީލު ހާމަކުރައްވަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، 2007 ވަނަ އަހަރުން ފެށިގެން 2023 ގެ ނިޔަލަށް ރާއްޖޭގައި އަހަރަކު 2 އާއި 5 އާ ދެމެދުގެ އަދަދަކަށް ޒުވާނުން ދިޔައީ ގޭންގު މާރާމާރީތަކުގައި ގަތުލުވަމުންނެވެ. ނަމަވެސް، މިއީ އެއްވެސް މިންވަރަކަށް ދޫކޮށްލައިގެން ތިބެވެން އޮތް ކަމަކަށް ނުވާތީ، ގޭންގުތަކުގެ ނުފޫޒު ގަދަ ސަރަހައްދުތަކުގައި ފުލުހުންގެ ހަރަކާތްތައް ވަރުގަދަކޮށް، ކުރިން އެމީހުން އުޅުނު ގޮތަށް ނޫޅެވޭނޭހެން ހުއްޓުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، އިސްލާހުވާން ބޭނުންވި ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުން، ގިނަ ބަޔަކު އަނބުރާ މުޖުތަމައަށް އައިސް ރަނގަޅު މަގު ހިޔާރުކޮށްފައިވާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
ފާއިތުވި 3 އަހަރުގެ ތެރޭގައި ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ 52 އޮޕަރޭޝަނެއްގެ ދަށުން، 10,400 އަށްވުރެ ގިނަ މީހުން ބަލައި ފާސްކޮށް، 517 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި މި އޮޕަރޭޝަންތަކުގައި ކުށްތަކާ ގުޅުންހުރި 670 ސައިކަލެއް ޓޯކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ހާމަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ މިދިޔަ 3 އަހަރުގެ ތެރޭގައި ގޭންގު މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައި ނުވަނީ ފުލުހުން ކުރި ބުރަ އަދި އިސްކަންދިން މަސައްކަތުގެ ސަބަބުން ކަމަށެވެ.
މިނިސްޓަރު އިޙުސާން އިތުރަށް ވިދާޅުވީ، ތަހުގީގު ކުރެވެމުންދާ ގޭންގު ލީޑަރުންގެ މައްޗަށް އަލަށް އެކުލަވައިލެވޭ ހަރުދަނާ ގާނޫނުތަކުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ މި މައްސަލައަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.













