ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ހިންގުމާ ގުޅޭ އާ ގަވާއިދު، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ މި ގަވާއިދަކީ، ރާއްޖޭގައި މަތީ ތައުލީމުގެ ފެންވަރު އުފުލައި، ކޮލެޖުތަކަށް ޔުނިވަރސިޓީތަކަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލެވިފައިވާ ގަވާއިދެކެވެ. ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދުގެ ދަށުން، ރާއްޖޭގައި މެދުކެނޑުމެއްނެތި 15 އަހަރު ވަންދެން ހިންގަމުން އަންނަ ކޮލެޖުތައް ޔުނިވަރސިޓީތަކަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބޭރުގެ ޔުނިވަރސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީކުރުމުގެ އުސޫލުތައް ވަނީ ކަނޑައަޅައިފައެވެ.
މިފަދަ ގަވާއިދެއްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ޔުނިވަރސިޓީތައް ރަޖިސްޓްރީކުރުމާއި، ހިންގުމާއި، އުވާލުމާ ގުޅޭ ކަންކަމުގައި އެއް މިންގަނޑެއްގެ ދަށުން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ޔުނިވަރސިޓީތަކުގެ ފެންވަރާއި މިންގަނޑުތައް ބަޔާންކުރުމެވެ. މީގެ ސަބަބުން މަތީ ތައުލީމުގެ ފެންވަރު ރަނގަޅުވެ، ގައުމީ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމަށް މަގުފަހިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އަލަށް އެކުލަވާލި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށްޓަކައި ހަރުދަނާ ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ. އެގޮތުން، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް އަދި ނުވައެއްގެ ކޯސްތައް މަދުވެގެން ތިން ދާއިރާއަކުން ވޭތުވެދިޔަ ފަސް އަހަރު ވަންދެން މެދުނުކެނޑި ހިންގާފައި ވާންޖެހެއެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ގެންދަން ޖެހޭއިރު، ފާއިތުވި ތިން އަހަރު ވެސް ދަރިވަރުންގެ އަދަދު މި މިންވަރަށް ވުރެ ދަށަށް ނުގޮސް ހިފެހެއްޓިފައި ހުންނަން ޖެހޭނެއެވެ.
މީގެއިތުރުން، ބައިނަލްއަގުވާމީ ޔުނިވަރސިޓީ ރޭންކިންގައި ބައިވެރިވެ ރޭންކު ކުރެވިފައިވުމާއި، ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި ފަސް އަހަރު ހޭދަކޮށްފައިވުން އަދި ބޭރުގެ ޔުނިވަރސިޓީތަކާ ގުޅިގެން ރިސަރޗު ހިންގިކަމުގެ ތަޖުރިބާ ލިބިފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. ހަމައެއާއެކު، ޔުނިވަރސިޓީއަކަށް ބަދަލުވާން ހުށަހަޅާ ކޮލެޖުގެ މުވައްޒަފުންގެ 10 އިންސައްތައަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ ފުލްޓައިމް މުވައްޒަފުންނަށް ވާންޖެހޭނެ ކަމަށާއި، ޔުނިވަރސިޓީއެއް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ވުޒާރާއިން ކަނޑައަޅާ މިންގަނޑަށް ގާއިމުކޮށްފައި ހުންނަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައިވެއެވެ. ޔުނިވަރސިޓީއަކަށް ވުމުން ދެ އަހަރުގެ ތެރޭގައި މަދުވެގެން ޕީއެޗްޑީ ލެވެލްގެ އެއް ޕްރޮގްރާމް ހިންގަން ޖެހޭނެ ކަމަށް ވެސް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
އަދި މި ގަވާއިދުގެ ދަށުން، ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން، ބޭރު ގައުމުތަކުގައި މަދުވެގެން 10 އަހަރު ދުވަހު ހިންގާފައިވާ، އަދި އެ ގައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ޔުނިވަރސިޓީ ރަޖިސްޓްރީކުރުމުގެ މަރުހަލާތައް ކުރިއަށްގެންދާނީ އެޑިއުކޭޝަން މިނިސްޓްރީން ހާއްސަކުރާ ޕޯޓަލެއް މެދުވެރިކޮށެވެ. ހުށަހެޅޭ ޕްރޮޕޯސަލްތަކާއި ލިޔެކިޔުންތައް ދިރާސާކޮށް އެސެސްމަންޓު ރިޕޯޓު ތައްޔާރުކުރާނީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ފަންނީ ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ހިމެނެނީ މަތީ ތައުލީމުގެ ދެ ތަޖުރިބާކާރަކާއި، އެޑިއުކޭޝަން މިނިސްޓްރީގެ އިސް މުވައްޒަފަކާއި، އެމްކިއުއޭގެ އިސް މުވައްޒަފެއްގެ އިތުރުން މާލީ ދާއިރާގެ މެންބަރެކެވެ.
މި ގަވާއިދުގެ ދަށުން ކޮންމެ ތިން އަހަރަކުން އެއްފަހަރު ޔުނިވަރސިޓީގެ އޮޑިޓެއް އެމްކިއުއޭ އިން ކުރިއަށް ގެންދަން ޖެހޭނެއެވެ. އަދި އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެ ހާލަތެއްގައި ކުރިން އެންގުމަކާ ނުލައި މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ ބާރު ވެސް މިނިސްޓްރީއަށާއި އެމްކިއުއޭއަށް މި ގަވާއިދުން ވަނީ ދީފައެވެ. މީގެ މަގުސަދަކީ ޔުނިވަރސިޓީތަކުގެ ފެންވަރަށް ބެލެހެއްޓުމާއި، ދަރިވަރުންނަށް އެންމެ ރަނގަޅު ތައުލީމީ ފުރުސަތުތައް ޔަގީންކުރުމެވެ.
ރާއްޖޭގައި މިވަގުތު ހިންގަމުން އަންނަނީ ސަރުކާރުގެ ދެ ޔުނިވަރސިޓީ ކަމަށްވާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އެވެ. މީގެ އިތުރުން ފުޅާ ދާއިރާއެއްގައި މަތީ ތައުލީމު ފޯރުކޮށްދޭ ގިނަ އަދަދެއްގެ އަމިއްލަ ކޮލެޖުތައް ވެސް ރާއްޖޭގައި މެދުނުކެނޑި ދަނީ ހިންގަމުންނެވެ. މި ގަވާއިދާއެކު، މި ކޮލެޖުތަކަށް ޔުނިވަރސިޓީގެ ދަރަޖައަށް އުފުލި، ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ އިތުރަށް ތަރައްގީވެގެން ދާނެ ކަމަށް ބެލެވެއެވެ.













