ފަތުރުވެރިކަމުގެ ދާއިރާގައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށާއި، ދިވެހިންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މި މޭރުމުން ވިދާޅުވީ، ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރުގެ މެސެޖުގައި، ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ވަސީލަތްތަކުގެ އެހީގައި ފަތުރުވެރިކަމުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ދިވެހިންނަށް މި ސިނާއަތުން ލިބޭ މަންފާތައް ފުޅާކުރުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރެއްވިއެވެ.
On World Tourism Day, I thank everyone who makes the Maldives a welcoming destination—from our resorts and guesthouses to liveaboards and island communities.
As we explore digital tools and AI, our priority is to improve the visitor experience and create more opportunities for… pic.twitter.com/0JZU76mQd8
— Mohamed Ameen (@ameen3d) September 27, 2026
މީގެއިތުރުން، ދިވެހިރާއްޖެއަކީ މެހެމާންދާރީ އަދާކުރުމުގައި މުޅި ދުނިޔެއަށް ނަމޫނާ މަންޒިލެއްގެ ގޮތުގައި ދެމިއޮތުމުގައި ހިއްސާވާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކުގެ އިތުރުން ރަށްރަށުގެ މުޖުތަމައުތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް މިނިސްޓަރު އަމީން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މީސްމީޑިއާގައި މެސެޖެއް ހިއްސާކުރައްވައިފައެވެ. އެމަނިކުފާނުގެ މެސެޖުގައި، ޑިޖިޓަލް ޓެކްނޮލޮޖީ އާއި އޭއައިގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވައި، ރާއްޖެއިން ވެސް އެ ބަދަލުތަކަށް އަހުލުވެރިވެ، އާ އީޖާދުތަކާއެކު އިސްނަގައިގެން ކުރިއަރައި ދިއުމަށް މަސައްކަތްކުރަން ޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ، މި ސިނާއަތުގެ މުހިންމުކަމާއި އިގްތިސާދީ އަދި އިޖުތިމާއީ އަގުވަޒަންކުރުމުގެ ގޮތުން 1980 ވަނަ އަހަރުން ފެށިގެން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.












