ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ، ފަތުރުވެރިކަން އަލުން ބައްޓަންކުރުމަށް ސުމޭކީ އެޖެންޑާއާއި އާޓިފިޝަލް އިންޓެލިޖެންސް، މި ޝިއާރުގެ ދަށުން ފާހަގަކުރާ 2026 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
On #WorldTourismDay, we applaud the people, communities and our partners in the industry, who have made the Maldives a leading global destination.
Tourism remains a driving force behind our nation's development and global connections. As digital technologies and AI transform… pic.twitter.com/iVHpuLTNg2
— Dr Mohamed Muizzu (@MMuizzu) September 27, 2026
ރައީސް މުޢިއްޒު ވަނީ، ދުނިޔޭގެ އެންމެ ފުންނާބުއުސް އެއް ފަތުރުވެރި މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ ގާއިމުކުރުމުގައި އަގުނުކުރެވޭފަދަ މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ، ދިވެހި ފަތުރުވެރިކަމުގެ ކާމިޔާބީގެ އެންމެހައި ހިއްސާދާރުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވައިފައެވެ. އަދި ގައުމީ ތަރައްގައި މި ސިނާއަތުގެ މުހިންމު ހިއްސާއަށް އަލިއަޅުއްވާލައްވަމުން، ފަތުރުވެރިކަމަކީ އާންމު ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީ، ރާއްޖޭގެ ރަށްރަށުގައި އެތައް ފުރުސަތުތަކެއް ފަހިކޮށްދީ، އަދި ރާއްޖޭގެ އައްސޭރިތަކަށް ޒިޔާރަތްކުރި އެތައް މިލިއަން ފަތުރުވެރިންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ބަދަހިކޮށްދިން މައި ބާރުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިން މަންޒިލުތައް ހޯދައި ދެނެގަތުމާއި، ދަތުރުތައް ރޭވުމާއި، އަދި ފަތުރުވެރިކަމުގެ ތަޖުރިބާތައް ލިބިގަންނަ ގޮތް ބަދަލުކޮށްލުމުގައި ސުމޭކު ފަންނިއްޔާތާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ވެށްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ މައްޗަށް ރައީސްގެ މެސެޖުގައި ބައްލަވާލައްވާފައިވެއެވެ. އަދި މިފަދަ ކުރިއެރުންތަކަކީ ފަތުރުވެރިންގެ ބައިވެރިވުން އިތުރުކުރުމަށާއި، ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ފަތުރުވެރި މަންޒިލުތަކުގެ ވާދަވެރިކަން ވަރުގަދަކުރުމަށް ލިބޭ އާ ފުރުސަތުތަކެއްކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
މި ކަންކަމަށް ރިޢާޔަތްކުރައްވައި، ދިވެހި ތަޖުރިބާގެ އަސްލު ކަމުގައިވާ އަމިއްލަވަންތަކަމާއި މެހެމާންދާރީ ރައްކާތެރިކުރަމުން، ހަލުވިކަމާއެކު ސުމޭކީވަމުން އަންނަ ދުނިޔެއެއްގައި ކުރިއަރައި ދިއުމަށްޓަކައި، ސުމޭކީ އީޖާދުތަކަށާއި، ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ވުނަކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިންގެ މެހެމާންދާރީގެ އަސްލު ކަމުގައިވާ އިންސާނީ ގާތްކަމުގެ ޖާގަ ފަންނިއްޔާތަށް ދިނުމުގެ ބަދަލުގައި، ފަންނިއްޔާތު ވާންވާނީ އެ ހިދުމަތްތައް ފުރިހަމަކޮށްދޭ އެހީތެރިއަކަށް ކަމަށެވެ. އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިރާއްޖެއަކީ އެންމެ ކުރީ ސަފުގެ ވާދަވެރި މަންޒިލެއްގެ ގޮތުގައި ދެމިއޮތުން ކަށަވަރުކުރުމަށްޓަކައި، މެދުކެނޑުމެއްނެތި އީޖާދީ ވިސްނުންތައް ގެންގުޅުމާއި، އެންމެން ގުޅިގެން މަސައްކަތްކުރުމާއި، އަދި އިންސާނީ ވަސީލަތްތަކަށް ވުނަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައިވެސް، ވިލުންތެރި، ދެމެހެއްޓެނިވި އަދި މުސްތަގުބަލަށް ފައްކާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތެއް ބިނާކުރުމަށްޓަކައި ސުމޭކީ ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވައިފައެވެ.













