ރަސްމާލެ މަޝްރޫއުގެ ދަށުން ވިއްކާ ޕްރޮޕަޓީތައް ހުންނަ ބިމަކީ ދިވެހި ދައުލަތުގެ މިލްކިއްޔާތެއް ކަމަށާއި، އެތަނުން ޕްރޮޕަޓީއެއް ގަތުމަކުން އޮޓަމެޓިކުން ވިސާ ނުލިބޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް މިލްކުވާނީ ހަމައެކަނި އެ ގަންނަ ޢިމާރާތް ނުވަތަ ޕްރޮޕަޓީ ކަމަށާއި، އެ ޕްރޮޕަޓީ ހިމެނޭ ބިމުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދައުލަތަށް ކަމަށެވެ. އަދި އެ ޕްރޮޕަޓީއެއް އެހެން ފަރާތަކަށް ވިއްކާލެވޭނީ ނުވަތަ ވެރިފަރާތް ނިޔާވުމުން ވާރުތަވާނީ ވެސް ދިވެހި ސަރުކާރުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު، ކަނޑައެޅިފައިވާ ފީ ނަގައި، ސަރުކާރުން ހުއްދަ ދީގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތުގެ މިލްކަކީ އެ ޕްރޮޕަޓީއެކެވެ. އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެކެވެ. އެ ޕްރޮޕަޓީއެއް ވިއްކާލާނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާނަމައެވެ.… https://t.co/JOs6Y21dJO
— Abdulla Muththalib (@muththo) September 27, 2026
ކަންމިހެން އޮތުމުން، އެފަދަ ތަންތަން އޮޓަމެޓިކުން ވާރުތަވާނެ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ރާއްޖޭގައި މިހާރުވެސް ބޭރު ފަރާތްތަކުން ހިންގާ ރިސޯޓުތަކާއި ވިޔަފާރިތަކަކީ ވެސް މި އުސޫލުގެ ދަށުން ވިއްކުމާއި، ބަދަލުކުރުމާއި، ވާރުތަވުމުގެ ކަންކަން ހިނގާ ތަންތަން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އެމީހެއްގެ އާއިލާއަށް ވެސް އޮޓަމެޓިކުން ރާއްޖޭގެ ވިސާ ލިބިގެންދާނެ ކަމެއް ނޫންކަން މިނިސްޓަރު ސާފުކޮށްދެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ވިސާ ދޫކުރުމަކީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ބަލަންޖެހޭ މިންގަނޑުތަކަށް ބެލުމަށްފަހު ހަމައެކަނި އިމިގްރޭޝަނުން ކުރާ ކަމެއް ކަމަށެވެ. އަދި ވިސާ ދޫކުރުމާއި، ބާތިލުކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ގާނޫނީ ގޮތުން ލިބިގެންވަނީ އިމިގްރޭޝަނަށް ކަމަށްވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިގްތިސާދަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހި ދައުލަތަކީ ފަހުރުވެރި މިނިވަން ދައުލަތެއް ކަމަށާއި، ދައުލަތް ތަނަވަސްވެ ތަރައްގީވަމުން ދިއުމަކީ ގައުމުގެ އިސްތިގުލާލު ވަރުގަދަވެ، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެ އޮތުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހި ދައުލަތް މުއްސަނދިވެ ފުދުންތެރިވުމަކީ ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއް ނޫން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު މުއްޠަލިބު އިތުރަށް ވިދާޅުވީ، މިއަދު ރާއްޖެއަށް ބޭނުންވަނީ ކުރު މުއްދަތެއްގެ ވަގުތީ މަންފާތަކެއް ނޫން ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ދެމިގެންދާނެ ފަދަ ދުރުރާސްތާގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކަމަށެވެ.













