ދަރިވަރުންގެ މުސްތަގުބަލު ބައްޓަންކުރުމުގައްޔާއި، މަތީ ތައުލީމުގެ ދާއިރާއެއް އިހުތިޔާރުކުރުމުގައި މަތީ ސާނަވީ އިމްތިހާނަކީ ނުހަނު މުހިންމު މަރުހަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފެށުނު މަތީ ސާނަވީ އިމްތިހާނާ ގުޅިގެން، މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް މުޢިއްޒު ވަނީ އިމްތިހާނުގައި ބައިވެރިވާ އެންމެހައި ދިވެހި ދަރިވަރުންނަށާއި، އެ ކުދިންގެ އާއިލާތަކުގެ އިތުރުން ސްކޫލުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
މި އަހަރު، މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެ ކުދިންގެ ޢާއިލާތަކަށާއި މަދަރުސާތަކަށް، ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން!
ދަރިވަރުންގެ މުސްތަޤްބަލު ބިނާކުރުމުގައި އަދި ވަކީން ޚާއްޞަކޮށް، މަތީ ތަޢުލީމު އުނގެނޭނެ ދާއިރާއެއް ޚިޔާރުކޮށް… pic.twitter.com/4ZJbDtFCR1
— Dr Mohamed Muizzu (@MMuizzu) September 27, 2026
މީގެއިތުރުން، އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ މާތްﷲ ގެ ވާގިފުޅާއެކު ލިބިގެންދާނެ ކަމަށް ވިދާޅުވެ، ރައީސް ވަނީ ދަރިވަރުންނަށް ހިތްވަރު ދެއްވާފައެވެ. އަދި ހުރިހާ ކުދިންވެސް ސުވާލުތަކަށް ފަސޭހަކަމާއެކު ރަނގަޅު ޖަވާބުދީ، މުޅި ގައުމު ފަހުރުވެރިވާ ފަދަ މޮޅު ނަތީޖާއެއް ހޯދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ މަތީ ސާނަވީ އިމްތިހާނު 53 މަރުކަޒެއްގައި ކުރިއަށްދާއިރު، އޭލެވެލް އިމްތިހާނުގައި 4،973 ދަރިވަރުން އަދި އެޗްއެސްސީ އިމްތިހާނުގައި 2،263 ދަރިވަރުން ބައިވެރިވެއެވެ. މިއަދު ފެށި މި އިމްތިހާނުތައް ނިމުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.












