ރާއްޖޭގައި ފަށާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދެވޭނެ ގޮތަށް 20 އަހަރުގެ ގައުމީ މާސްޓާ ޕްލޭނަށް ގާނޫނީ ހިމާޔަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ފުރިހަމައަށް ތާއީދުކުރައްވައިފިއެވެ.
ޖާބިރު ވިދާޅުވީ މަޝްރޫއުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދަން ގާނޫނީ ހިމާޔަތް ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށާއި، ގައުމުގެ ތަރައްގީއަށް މިފަދަ ގާނޫނީ ރައްކާތެރިކަމެއް ދިނުމަކީ މިހާރު މާ ލަސްވެސް ވެފައިވާ ކަމެއް ކަމަށެވެ.
ރައީސް މުއިއްޒު 2040 ވަނަ އަހަރާ ހަމައަށް އެކުލަވާލައްވާ މާސްޓާ ޕްލޭނަށް ގާނޫނީ ބާރު ދެއްވުމަށް ހާއްސަ ގާނޫނެއް ހައްދަވާނެކަން އިއުލާނު ކުރެއްވުމާ ގުޅިގެން ޖާބިރު ފާހަގަކުރެއްވީ، ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރުތައް ބަދަލުވާއިރު ކުރީގެ ސަރުކާރުތަކުން ފަށާފައިވާ މުހިންމު މަޝްރޫއުތައް ހުއްޓުވުމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި 19 ވަނަ މަޖިލީހުގެ ދައުރުގައިވެސް އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މިފަދަ ނެޝަނަލް ޑިވެލޮޕްމެންޓް ޕްލޭނެއްގެ މުހިންމުކަން އޭނާ ވަކާލާތު ކުރައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
އިރުއިރުކޮޅާ ސަރުކާރު ބަދަލުވާއިރު ކުރީގެ މަޝްރޫއުތައް އުވާލުމުގެ ފުރުސަތު ނޯންނާނެ ގޮތަށް ގާނޫނީ ފަރުވާއެއް ލިބިފައި އޮތުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ކަންކަން ކުރާ އުސޫލުކަން ޖާބިރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެއްވެސް ފަރާތަކަށް އަތްނުބޭނޭނެ ގޮތަށް ގައުމީ ބޮޑެތި ޕްރޮޖެކްޓްތަކަށް ގާނޫނީ ހިމާޔަތް ދިނުމަކީ މުސްތަގުބަލަށްޓަކައި އަވަސް ފަރުވާއެއްގެ ގޮތުގައި ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މަޝްރޫއުތައް ވަކި ހިސާބަކުން ހުއްޓާލަންޖެހުމުން އޭގެ ނޭދެވޭ އަސަރު ބޭރުގެ ބޮޑެތި އިންވެސްޓަރުންގެ އިތުރުން ދިވެހި ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށްވެސް ކުރާނެކަމަށް ޖާބިރު ވިދާޅުވިއެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދައި، ރާއްޖޭގައި ވިޔަފާރިކުރެވޭނެ ފަހި މާހައުލެއް ގާއިމުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކަށް އޭނާ ވަނީ ތައުރީފު ކުރައްވާފައެވެ.
އިދިކޮޅު ފަރާތްތަކުން ގައުމުގެ ތަރައްގީއަށް ހުރަސްއެޅޭ ގޮތަށާއި އިންވެސްޓަރުންގެ އިތުބާރު ގެއްލޭ ގޮތަށް ދައްކާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ޖާބިރު ސިފަކުރެއްވިއެވެ. އަދި ރައީސް މުއިއްޒު އިސްނަންގަވައިގެން ހިންގަވާ ދުރުރާސްތާގެ ޕްލޭނަކީ ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތުގައި ރޭވިގެން ކުރިއަށްދާ މަސައްކަތެއްކަން ފާހަގަކުރައްވައި، ގައުމީ ކުރިއެރުމަށް ހުރަސްއެޅުމަކީ ގައުމަށް ހެޔޮއެދޭ މީހުން ކުރާނެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.











