ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ އެއް މަޝްރޫއު ކަމަށްވާ ”ތިލަމާލެ ބުރިޖު“ގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށް ގޮސް، މުޅި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މި މަޝްރޫއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު، މިހާރު ކުރިއަށްދަނީ މާލެއާއި ވިލިމާލެ ގުޅުވައިދޭ ބައިގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ. އެގޮތުން، މި އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ވަނީ މާލެއާއި ވިލިމާލެއާ ދެމެދު ބުރިޖުގެ ސްޓްރަކްޗަރ ގުޅާލުމުގެ ތާރީޚީ ލަނޑުދަނޑި ހާސިލްކޮށްފައެވެ. މުޅި މަޝްރޫއުގައި ޖުމްލަ 6.7 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކުރާއިރު، މާލެއިން ވިލިމާލެއަށް ގުޅާލެވޭ ބައިގެ ދިގުމިނަކީ 2.05 ކިލޯމީޓަރެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކުރި ގޮތުގައި، މާލެ-ވިލިމާލެ ސެގްމެންޓުގައި މިހާރު ކުރިއަށްދަނީ ދެކޮޅަށް ދުއްވާ ލޭންތައް ވަކިކުރުމަށް ޖަހާ މީޑިއަން ބެރިއަރުތަކުގެ މަސައްކަތާއި، ތާރު އެޅުމުގެ ކުރިން ޑެކްގައި ފުރިހަމަކުރަންޖެހޭ ތައްޔާރީތަކެވެ. މީގެއިތުރުން، ރައްކާތެރިކަމުގެ ރެއިލިންގ ހަރުކުރުމާއި، މަގުބައްތި އަދި ސީސީޓީވީ ކެމެރާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައްވެސް އެއްފަސްކޮށް ދަނީ ކުރެވެމުންނެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި މަރުހަލާގައި މި މަޝްރޫއު އޮތީ ބޮޑުތަނުން މަޑުޖެހިފައެވެ. އަދި އެއިރު ނިމިފައިވަނީ މަޝްރޫއުގެ އެންމެ 29 އިންސައްތަ މަސައްކަތެވެ. ނަމަވެސް، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް ހުއްޓާނުލުމުގެ ސިޔާސަތުގެ ދަށުން، ސަރުކާރުން ވަނީ ކޮންޓްރެކްޓަރާއި އިންޑިއާ ސަރުކާރާއެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވައި، މަސައްކަތުގެ ދުވެލި ވަރަށް ބޮޑަށް ހަލުވިކޮށްފައެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް މި މުޅި މަޝްރޫއު އެއްކޮށް ނިންމައި އާންމު ޚިދުމަތަށް ހުޅުވާލުމެވެ. އެގޮތުން، ވިލިމާލެއިން ގުޅިފަޅަށް އަދި ގުޅިފަޅުން ތިލަފުއްޓަށް ގުޅާލުމުގެ މަސައްކަތްތަކުގެ އިތުރުން، އެ ރަށްތަކުގެ ހައިވޭތައް ތަރައްގީކުރުމުގެ މަސައްކަތްތައްވެސް ތާވަލާ އެއްގޮތަށް ބާރަށް ކުރިއަށް އެބަދެއެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިޓް އަދި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ 500 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއަކީ، ގްރޭޓަރ މާލެ ސަރަހައްދުގެ އިގުތިސާދީ އަދި އިޖުތިމާއީ ހަރަކާތްތަކަށް އިންގިލާބީ ބޮޑު ބަދަލެއް ގެނުވާނެ އުމްރާނީ ތަރައްގީގެ މުހިންމު ބިނާއެކެވެ.











