ސަރުކާރުގެ މިނިސްޓްރީތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކޮށް، އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ މިނިސްޓަރުންގެ ”އަހާ“ ފޯރަމް އަންނަ އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ މި ފޯރަމް އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 21:00 ގައެވެ. ދެ ގަޑިއިރުގެ މި ފޯރަމުގައި ތިން މިނިސްޓަރަކު ބައިވެރިވެވަޑައިގަންނަވައެވެ. މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ:
- ޔޫތް މިނިސްޓަރު ޢަބްދުﷲ ރާފިޢު
- ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް
- ހޯމް މިނިސްޓަރު ޢަލީ އިޙްސާން
މި ފޯރަމުގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ. އެގޮތުން، ފޯރަމް ކުރިއަށްދާ މާލަމަށް ހާޒިރުވެގެންނާއި، ’ޕީއެސްއެމް އެއަރ‘ އެޕްލިކޭޝަން މެދުވެރިކޮށް ސުވާލު ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. ސަރުކާރުގެ ހިންގުން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށްގެންދިއުމުގެ މަގުސަދުގައި ”އަހާ“ ސިލްސިލާ ފޯރަމްތައް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުވަރީ މަހުގެ ތެރޭގައެވެ.
މީގެއިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ހިއްސާކުރުމަށް ”ރައްޔިތުންގެ އަޑު“ ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށްދާއިރު، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު ދެއްވާ ”ނޭޝަން ޗެޓް“ ޕްރޮގްރާމް ވެސް ޕީއެސްއެމް މެދުވެރިކޮށް ދަނީ ގެނެސްދެމުންނެވެ.













