ދުރު ރާސްތާގެ ހަރުދަނާ ތަރައްޤީގެ ޕްލޭނެއް އޮތުމަކީ، ޤައުމުގެ މިސްރާބު ސާފުވެ، އެއް އަމާޒަކަށް އެންމެން އެކުގައި މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވަނީ، 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި އަމާޒު އެންމެ ފުރަތަމަ އިއުލާނުކުރެއްވީ 2024 ވަނަ އަހަރު ބޭއްވުނު އދގެ އާންމު މަޖިލީހުގައެވެ. އަދި އެ ޕްލެޓްފޯމް ހިޔާރުކުރެއްވީ ގައުމުގެ ތަސައްވުރާއި އުންމީދުތައް މުޅި ދުނިޔެއަށް ހާމަކޮށްދިނުމަށް ލިބޭ އެންމެ މުހިންމު ބައިނަލްއަގުވާމީ މައިދާނަކީ އެއީ ކަމަށްވާތީ ކަމުގައި ވިދާޅުވިއެވެ.
ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ގައުމުގެ މިސްރާބު ބަދަލުވެ، ބޮޑެތި މަޝްރޫއުތައް ހުއްޓުމަކަށް އައުމަކީ ތަރައްގީއަށް އެޅޭ ބޮޑު ހުރަހެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ގައުމީ ތަރައްގީގެ މާސްޓަރ ޕްލޭން އެކުލަވައިލަނީ ރައްޔިތުންގެ ފުރިހަމަ ހިޔާލާއި ބައިވެރިވުމާއެކު ކަމަށެވެ. އަދި ވެރިކަން ބަދަލުވި ނަމަވެސް، މި ޕްލޭނަށް އެއްވެސް މެދުކެނޑުމެއް ނައިސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި އަންނަ ސަރުކާރުތަކަށް މި ޕްލޭނުގެ މައިގަނޑު އަމާޒުތައް ފަސޭހައިން ބަދަލުނުކުރެވޭނެހެން ހެދުމަށްޓަކައި، މި ޕްލޭނަށް ގާނޫނީ ބާރުވެރިކަމާއި ހިމާޔަތް ހޯދައިދިނުމުގެ ގޮތުން ހާއްސަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
ގައުމީ ތަރައްގީގެ މި ޕްލޭން ބިނާކުރެވެނީ ދިވެހިންގެ ސަގާފަތާއި އިސްލާމީ ރިވެތި އުސޫލުތަކާއި އަހުލާގު ދެމެހެއްޓުމާއެކު، އިގުތިސާދު ސިންދަފާތުކޮށް ވަރުގަދަކުރުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، އިޖުތިމާއީ އަދުލުވެރިކަމާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ އިތުރުން ދައުލަތުގެ މުއައްސަސާތައް ހިންގުން ހަރުދަނާކުރުމުގެ މައްޗަށެވެ.












