މި ސަރުކާރުން ވެރިކަމާ ހަވާލުވި ދުވަސްވަރާ އަޅާބަލާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މިހާރު މަދުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ސަރުކާރު ކުންފުނިތަކުގައި 18،000 އަށްވުރެ ގިނަ މުވައްޒަފުން ތިބި ކަމަށެވެ. އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އެ ހުރިހާ މުވައްޒަފުންނަކީވެސް ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުން ވަޒީފާ ދީފައިވާ ފަރާތްތައްކަން ހާމަވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކުންފުނިތައް ރައިޓް ސައިޒްކުރަން ސަރުކާރުން ފަށާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން، މުވައްޒަފުންގެ އަދަދު މިހާރު ވެސް ވަނީ ބޮޑުތަނުން މަދުކުރެވިފައެވެ. އަދި މާތްﷲ ގެ ވާގިފުޅާއެކު، މިއަހަރު ނިމުމުގެ ކުރިން ކުންފުނިތަކުގައި މުވައްޒަފުން ބައިތިއްބާނީ އެ ކުންފުންޏެއްގެ ހިންގުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މި މަސައްކަތް ކުރިއަށް ގޮސް އިރާދަކުރެއްވިއްޔާ މިއަހަރު ނިމެންވާއިރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ހުންނާނީ ކުންފުނިތަކަށް ބޭނުންވާ ވަރަށް،“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، ކުންފުނިތަކަށް ބޭކާރު ގޮތުގައި ނަގާފައި ތިބި މުވައްޒަފުން ވަކިކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދާނީ ނުހަނު ޒިންމާދާރުކަމާއެކު ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެއިތުރުން، ކުންފުނިތަކުން މުވައްޒަފުން ދޫކޮށްލުމުގައި އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުސަތު ފަހިކޮށްދެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ހާއްސަ ރިޓަޔަރމަންޓް ޕެކޭޖެއް ހަމަޖައްސައިދިނުމުގެ އިތުރުން، އަމިއްލަ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ލޯނު ލިބޭނެ އިންތިޒާމު ވެސް ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.












