ގައުމީ ތަރައްގީއަށާއި ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމަކަށް ހުރަސްއެޅުމަށް ބަޔަކު މަސައްކަތްކުރަމުންދިޔަ ނަމަވެސް، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު އެއްވެސް ފަރާތަކަށް ނުހުއްޓުވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ސިޔާސީ ބައެއް ފަރާތްތަކުން ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. މިއީ ދައުލަތުގެ ބަޖެޓަށް އެއްވެސް ބުރައެއް ނުއުފުލައި ކުރިއަށްގެންދާ މަޝްރޫއެއްކަން ފާހަގަކުރައްވަމުން، މި މަޝްރޫއަށްޓަކައި ސަރުކާރުން އެއްވެސް ސޮވެރިން ގެރެންޓީއެއް ނުދޭނެ ކަމަށާއި އެއްވެސް ލޯނެއް ވެސް ނުނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، އިންވެސްޓަރުންނަށް އެއްވެސް ޓެކްސް ލުޔެއް ނުވަތަ ޑިއުޓީ މަޢާފުކުރުމެއް ވެސް މި މަޝްރޫއުގެ ތެރެއިން ނުދެވޭނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
ރަސްމާލޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކޮށްދެނީ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކަށް ނުސީދާކޮށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ބޭރު ފަރާތަކަށް ރާއްޖެއިން ބިން މިލްކު ނުކުރެވޭނެ ކަމަށެވެ. ކުރީ ސަރުކާރަކުން ގާނޫނުއަސާސީ އިސްލާހުކޮށްގެން ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތް ހެދި ނަމަވެސް، ފަހުން އެ މާއްދާ އުވާލާފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރަސްމާލެއިން ބިން ދޫކުރެވެނީ ހަމައެކަނި ކުއްޔަށް (ލީސް އުސޫލުން) ކަމަށެވެ. އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ ބިމުގެ މިލްކުވެރިކަން ދޫކޮށްނުލައި، ރާއްޖެއަށް އެންމެ ފައިދާހުރި ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުން ކަމުގައި ވިދާޅުވިއެވެ.
”ވަރަށް ގިނަ ވާހަކަތައް އެކި ގޮތްގޮތުން އެބަ ދައްކާ މި ޕްރޮޖެކްޓް މިތަނަށް އަޔަނުދިނުމަށްޓަކައި. މިއީ ވަރަށް ދެރަކަމެއް. ރާއްޖެއަށް ފައިދާވާން ހުރި ކަންތައްތަކެއް ހިނގަން އުޅޭ ކޮންމެ ފަހަރަކު އެކަމަށް ހުރަސްއަޅަނީ،“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް އަތުނުލައްވާނެ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކޮށް ނިމުމުން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ބިން ދޫކުރާނެ ކަމަށާއި، ގޯތީގެ އިތުރުން ފްލެޓް އެޅުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ވެސް ރަސްމާލެއިން ކަނޑައެޅިފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުޅި މަޝްރޫއު އެއްކޮށް ނިންމުމަށް އިންވެސްޓަރުން 10 އަހަރުގެ މުއްދަތެއް އަންދާޒާކުރި ނަމަވެސް، އަސާސީ ހިދުމަތްތައް އެއަށްވުރެ މާ އަވަހަށް ގާއިމުކުރެވިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެގޮތުން، މިއަހަރުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު ފެނާއި، ނަރުދަމާ، ކަރަންޓު އަދި މަގުހެދުމުގެ އަމަލީ މަސައްކަތްތައް ކުންފުނިތަކާ ހަވާލުކޮށްގެން ފަށްޓަވާނެ ކަމަށާއި، މައިގަނޑު މަގުސަދަކީ ގޯތި ލިބޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ގެދޮރު އިމާރާތްކުރުމުގެ މަގު ފަހިކޮށްދިނުން ކަމުގައި ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) އާ އުސްމިންތަކަކަށް ގެންގޮސްދީ، އެތައް ހާސް ވަޒީފާގެ ފުރުސަތުތަކެއް އުފައްދައިދޭނެ އިގުތިސާދީ ބޮޑު އިންގިލާބެއް ކަމަށެވެ. އަދި މިފަދަ ގައުމީ ލާބަޔާއި މަންފާއާ ގުޅިފައިވާ ކަންކަމަށް ހުރަސްއަޅަން މަސައްކަތްކުރަނީ އިހުލާސްތެރި ގައުމީ ވިސްނުމެއް ނެތް ބައެއް ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް އިސްކުރާނީ ދިވެހި ރައްޔިތުންގެ މަސްލަހަތާއި ގައުމުގެ ކުރިއެރުން ކަމުގައި ވިދާޅުވިއެވެ.












