މާލޭގެ ސޯސަން މަގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރު، އުމުރުން 26 އަހަރުގެ ޢާއިޝަތު މާހިދާ މިއަދު ހަވީރުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ދެ ސައިކަލު ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މާހިދާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު ނިޔާވިކަން އާއިލާގެ ފަރާތުން ފުލުހުންނަށް ވަނީ އަންގާފައެވެ.
މާހިދާ ނިޔާވުމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވައި، އެ މުއައްސަސާގެ އެންމެހައި މުވައްޒަފުން މި ހިތާމަވެރި ދަނޑިވަޅުގައި ބައިވެރިވާކަން ހާމަކޮށްފައެވެ. މި އަހަރުގެ ޖަނަވަރީ މަހު އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރުގެ މަގާމުގައި އިމިގްރޭޝަންގެ ޚިދުމަތާ ގުޅުނު މާހިދާ، އެ މުއައްސަސާގައި ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރޭގައި ރައްޔިތުންނާއި ގައުމަށް ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތާއި އަދާކުރެއްވި މުހިންމު ދައުރުގެ އަގު އިމިގްރޭޝަނުން ވަނީ ވަޒަންކޮށްފައެވެ.
މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ސޯސަން މަގުން ދުއްވާފައި ދިޔަ ދެ ސައިކަލެއް އެކަކު އަނެކަކު ޖެހިގެންނެވެ. އެކްސިޑެންޓުގައި މާހިދާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބި، ސީންގައި ހޭނެތިފައި އޮތްއިރު، މި ހާދިސާގައި އިތުރު ދެ ފިރިހެނުންނަށްވެސް އަނިޔާވިއެވެ. އުމުރުން 21 އަހަރާއި 22 އަހަރުގެ އެ ދެ ފިރިހެނުންނަށް ފަރުވާދީފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.
މި އެކްސިޑެންޓް ހިނގި ސައިކަލެއް ދުއްވަން އިން އުމުރުން 21 އަހަރުގެ ފިރިހެން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ސައްހަ ލައިސަންސް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށް، ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އުމުރުން 26 އަހަރުގައި (2000 – 2026) މާހިދާ ވަކިވެދިއުމާ ގުޅިގެން އިމިގްރޭޝަނުން ވަނީ މަރުހޫމާއަށް ޖަންނަތުލް ފިަރުދައުސްގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާކޮށްފައެވެ. އަދި މާހިދާގެ އާއިލާއަށާއި ލޯބިވާ ފަރާތްތަކަށް މި ހިތާމަވެރި ދަނޑިވަޅުގައި ސަބުރާއި ކެތްތެރިކަން ދެއްވުން އެދި އެ މުއައްސަސާއިން ވަނީ ހެޔޮ ދުއާ ފޮނުވާފައެވެ.













