ސަޢޫދީ ޢަރަބިއްޔާގެ އެންމެ އިސް ދީނީ ޢިލްމުވެރިޔާ، ގްރޭންޑް މުފްތީ ޝެއިޚް ޞާލިޙް އަލް ފައުޒާން، ހަނގުރާމައިގެ ކުރީސަފުގައި ތިބި ސަޢޫދީ ސިފައިންނަށް ޚާއްޞަ މެސެޖެއް ދީ، ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ފުރާނައިން ޤުރްބާންވުމަށް ތައްޔާރަށް ތިބުމަށް ގޮވާލައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ނެރުނު މި ބަޔާން އައިސްފައިމިވަނީ، ރަތްކަނޑުގެ ސަރަޙައްދުގައި ހޫޘީން ބާރުގަދަކޮށް، ސަޢޫދީގެ އެތެރެއަށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.
ސަޢޫދީ ސިފައިންނާއި ކޯލިޝަން ސިފައިންނާ މުޚާޠަބުކޮށް މުފްތީ ބުނީ، ޤައުމުގެ ބޯޑަރުތައް ޙިމާޔަތްކުރުމަކީ އެންމެ މަތިވެރި އެއް އަޅުކަން ކަމަށާއި، ﷲ ގެ ރުއްސެވުން ހޯދުމަށްޓަކައި އެކަމުގައި ފުރާނަ ޤުރްބާންކުރުމަށް ފަސްނުޖެހުމަށް ގޮވާލައިފައެވެ. ހޫޘީންނަކީ މަގުފުރެދިފައިވާ އަދި އިސްލާމީ މުޤައްދަސް ތަންތަން ހަލާކުކޮށްލަން އުޅޭ ބައެއްކަމަށް ސިފަކޮށް، އެމީހުންގެ ކިބައިން މުޅިން ސަލާމަތްވުމަށް މުފްތީ ވަނީ ދުޢާކޮށްފައެވެ.
ޔަމަނުގެ ސަރުކާރުގެ އަތްދަށުން ހޫޘީން ވަނީ ދާދިފަހުން، ދުނިޔޭގެ ވިޔަފާރިއަށް އެންމެ މުހިންމު އެއް ކަނޑުއޮޅި ކަމަށްވާ ބާބުލް މަންދަބް ހިފާފައެވެ. މީގެ އިތުރުން ހޫޘީން ވަނީ ބުރާސްފަތި ދުވަހު ސަޢޫދީގެ ޠާއިފް އަދި ޔަންބޫއަށް 6 ބެލިސްޓިކް މިސައިލް ފޮނުވާލާފައެވެ. އަދި ރިޔާޟްގެ މުހިންމު ތަންތަނަށް ޙަމަލާދިންކަމަށްވެސް އެމީހުން ވަނީ ބުނެފައެވެ.
މިއީ ހޫޘީންނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ދީނީ ގޮތުން ކުރަންޖެހޭ ކަމެއްކަން ސަޢޫދީ ރައްޔިތުންނަށާއި ސިފައިންނަށް ވިސްނައިދީ، ހަނގުރާމައަށް ހިތްވަރުދިނުމަށް ސަޢޫދީ ސަރުކާރުން ބޭނުންކުރާ އުކުޅެއްކަމަށް މާހިރުން ދެކެއެވެ.
ސައުދީގެ ގްރޭންޑް މުފްތީގެ މި ގޮވާލުމުން އިސްލާމީ އުންމަތުގެ އެކިކަންކޮޅުން މުސްލިމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ ގޮތުގައި މިޢިލްމުވެރީން ސަޢޫދީ ސަރުކާރުގެ ސިޔާސީ އަދި އަސްކަރީ އަމާޒުތައް ޙާޞިލުކުރުމަށް ދީނީ ނައްސުތައް ވަގުތުން ބޭނުންކުރި ނަމަވެސް، ފަލަސްޠީނާއި ސޫދާނުގައި މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާއި ޤަތުލުޢާއްމުތަކާ ދެކޮޅަށް ސަޢޫދީ ވެރިން އެކަށީގެންވާ ފިޔަވަޅު ނާޅާ އޮތް އޮތުމާމެދު މި ޢިލްމުވެރިން ތިބީ މުޅިން ހަނުކަމަަށެވެ.
މީގެ އިތުރުން، ސަޢޫދީއިން އިސްވެ ޔަމަނުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާއި، އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެތައް ހާސް އާންމުންނާއި ކުޑަކުދިން މަރުވެ، މިލިއަނުން މީހުން ބަނޑަށް ޖައްސާފައިވާއިރު، ދައުލަތުގެ މި އިހުމާލުތަކާ ދެކޮޅަށް ބަހެއް ބުނުމަށް މި ޢިލްމުވެރިން ވަނީ ނުކުޅެދިފައިކަމަށްވެސް އެފަރާތްތަކުން ފާހަގަކުރެއެވެ.













