ޅ. ފެލިވަރުގައި ތަރައްޤީކުރަމުން އަންނަ 4،000 މެޓްރިކް ޓަނުގެ އައު ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް ބާރުދުވުމެއްގައި ކުރިއަށް ގޮސް، ކުރިއަށް އޮތް މަސްވެރިންގެ ދުވަހަށް އެތަން ހުޅުވުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި ފިނިޝިންގ މަރުޙަލާގެ މަސައްކަތްތައް ފަށައިފިއެވެ.
ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ ރައިނެކް ކުންފުނިން މަޢުލޫމާތުދޭ ގޮތުގައި، ފިނިޝިންގ މަސައްކަތްތަކާއެކު ވަސީލަތްތައް ކޮމިޝަންކުރުމުގެ މަސައްކަތްތައްވެސް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސްގެ ދަށުން ގާތްގަނޑަކަށް 23 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ތެރޭގައި ތިން އިމާރާތެއްގެ މަސައްކަތް ހިމެނެއެވެ. އެގޮތުން 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އިމާރާތުގެ އިތުރުން، 80 ޓަނުގެ އާރްއެސްޑަބްލިއު ސިސްޓަމަކާއި 100 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ހިމެނޭ އިމާރާތެއްގެ އިތުރުން މުޅި ރަށަށް ކަރަންޓު ފޯރުކޮށްދޭނެ އައު ޕަވަރ ހައުސް އިމާރާތްވެސް ހިމެނެއެވެ.
މި މަޝްރޫޢަށްޓަކައި ފެލިވަރުގެ ފަޅުން ހިއްކާފައިވާ 5.7 ހެކްޓަރުގެ ސަރަޙައްދުގައި ވަސީލަތްތައް ގާއިމުކުރަމުންދާއިރު، މަސްކިރައި އުފުލުމަށް ޚާއްސަކޮށް ތަރައްޤީކުރި އައު ބަނދަރުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މަސް އުފުލުމުގެ ކަންކަން އަވަސްކުރުމަށްޓަކައި އެ ބަނދަރުގައި 3 ކެރޭންވެސް މިހާރު ވަނީ ބަހައްޓައިފައެވެ.
ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ފެލިވަރުގައި ހުޅުވިގެން ދިއުމާއެކު، އުތުރުގެ މަސްވެރިން މަސްކިރުވުމަށް ކޫއްޑޫއާ ހަމައަށް ކުރަންޖެހޭ ދިގު ދަތުރުތަކަށް ނިމުމެއް އައިސް، ތެލަށް ކުރަންޖެހޭ ބޮޑު ޚަރަދުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ.










