ޑެލް ކުންފުނީގެ ވެރިޔާ މައިކަލް ޑެލް ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ ހަތަރުވަނައަށް އެންމެ މުއްސަނދި މީހާގެ މަގާމު މެޓާގެ ސީއީއޯ މާކް ޒަކަބާގް، ހޯދައިފިއެވެ. ބުރާސްފަތި ދުވަހު ޒަކަބާގް މި މަގާމަށް އުފުލިގެން ދިޔައީ، މެޓާއިން އަލަށް ނެރުނު ”މިއުޒް“ އާޓިފިޝަލް އިންޓެލިޖެންސް އޭޖެންޓާއެކު އެ ކުންފުނީގެ ހިއްސާގެ އަގު 4 އިންސައްތައަށްވުރެ މައްޗަށް ޖެހިލުމާ ގުޅިގެންނެވެ.
ބުރާސްފަތި ދުވަހު މެޓާގެ ހިއްސާގެ އަގު 4.5 އިންސައްތަ މައްޗަށް ގޮސް، ހިއްސާއެއްގެ އަގު 777.59 ޑޮލަރަށް އަރާފައިވާއިރު، މިއީ މި އަހަރުގެ ތެރޭގައި އެ ކުންފުނީގެ ހިއްސާގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިއާއެކު ޒަކަބާގްގެ މިލްކިއްޔާތުގެ އަގު ވަނީ 266.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.
މެޓާގެ އައު އޭއައި އޭޖެންޓް މިއުޒްއަށް އިންވެސްޓަރުންގެ ބޮޑު އިތުބާރެއް ލިބިގެންދިޔުމާއެކު، ހަމައެކަނި ހޯމަ ދުވަހުވެސް ޒަކަބާގްގެ މުއްސަނދިކަމަށް 25 ބިލިއަން ޑޮލަރު އިތުރުވިއެވެ. އަދި ބުދަ ދުވަހު ގޫގުލްގެ ކޯ-ފައުންޑަރު ސާޖީ ބްރިން ފަހަތަށް ޖައްސާލައި، ދުނިޔޭގެ ފަސްވަނަ މުއްސަނދި މީހާގެ މަގާމަށް އައުމަށްފަހު، ޖެހިގެން އައި ބުރާސްފަތި ދުވަހު ވަނީ މައިކަލް ޑެލްވެސް ފަހަތަށް ޖައްސާލާފައެވެ. މި މަހުގެ ކުރީކޮޅު މިއުޒް ނެރުނު ފަހުން މެޓާގެ ހިއްސާގެ އަގު މައްޗަށް ގޮސްފައިވާއިރު، މި އަހަރުގެ މުޅި ޖުމްލައަށް ބަލާއިރު އެ ކުންފުނީގެ ހިއްސާ ވަނީ 17.8 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.
ޒަކަބާގްގެ މުއްސަނދިކަން މައްޗަށް ދިޔައިރު، މައިކަލް ޑެލްގެ މިލްކިއްޔާތުން ބުރާސްފަތި ދުވަހު ވަނީ ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރު ދަށްވެ، 265.4 ބިލިއަން ޑޮލަރަށް ތިރިވެފައެވެ. ޑެލް ޓެކްނޯލޮޖީސްގެ ހިއްސާގެ އަގު 2.5 އިންސައްތަ ދަށްވެ، ހިއްސާއެއްގެ އަގު 536.02 ޑޮލަރަށް ތިރިވެފައިވާއިރު، މިއީ ހަފްތާގެ ފަސް ދުވަހުވެސް އެ ކުންފުނީގެ ހިއްސާގެ އަގު ދަށަށް ދިޔަ ފަހަރެވެ.
މި ހަފުތާގައި ޑެލްގެ ހިއްސާގެ އަގު 9 އިންސައްތައާ ގާތްކުރާ މިންވަރަކަށް ދަށަށް ދިޔަނަމަވެސް، މިއީ މި އަހަރުގެ އާންމު ކުރިއެރުމަށް ބަލާއިރު ކުޑަ ހުރަހެކެވެ. ސަބަބަކީ އަހަރު ފެށުނުއިރު 127 ޑޮލަރުގައި ހުރި ޑެލްގެ ހިއްސާގެ އަގު މި އަހަރުގެ ތެރޭގައި 325 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައިވުމެވެ. މީގެ އިތުރުން، މެޓާގެ މިއުޒް އެޕްލިކޭޝަން ވަނީ އެޕް ސްޓޯރުގެ ހިލޭ ލިބޭ އެޕްތަކުގެ އެންމެ ކުރިއަށް އަރައި، ޗެޓްޖީޕީޓީ ވެސް ފަހަތަށް ޖައްސާލާފައެވެ.
ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑެލްގެ މިލްކިއްޔާތު ވަރަށް ބޮޑަށް އިތުރުވެ، ގޫގުލްގެ ކޯ-ފައުންޑަރު ލެރީ ޕޭޖް ފަހަތަށް ޖައްސާލައި، ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުގެ ދެވަނައަށްވެސް އޭނާ ކުރު މުއްދަތަކަށް އަރާފައިވެއެވެ. އޭއައިގެ ކުރިއެރުމާއެކު ހާޑްވެއަރއަށް އޮތް ބޮޑު ތަރުހީބުގެ ފައިދާ ޑެލް ޓެކްނޯލޮޖީސްއަށް ލިބިފައިވާއިރު، އެންމެ ފަހުގެ މާލީ ރިޕޯޓުގައި އެ ކުންފުނިން ވަނީ ރެކޯޑު އަދަދެއް ކަމަށްވާ 47 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަން ހާމަކޮށްފައެވެ. މީގެ ތެރެއިން 16.4 ބިލިއަން ޑޮލަރަކީ އޭއައި ސާވަރުތަކުގެ ވިޔަފާރިން ލިބުނު އާމްދަނީއެވެ.
މެޓާގެ ހިއްސާގެ އަގު އެހާ ބޮޑަށް މައްޗަށް ނުދިޔަ ނަމަވެސް، ދެވަނަ ކުއާޓަރުގެ މާލީ ނަތީޖާގައި އެ ކުންފުނީގެ އާމްދަނީ ވަނީ 28 އިންސައްތައިގެ ކުރިއެރުމަކާއެކު 60.8 ބިލިއަން ޑޮލަރަށް އަރާފައެވެ. ފޭސްބުކްގެ މައި ކުންފުނި މެޓާއިން އޭއައިގެ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާއިރު، މި އަހަރުގެ ތެރޭގައި ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި 130 ބިލިއަން ޑޮލަރާއި 145 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.









