ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް ސީދާ ހަށިގަނޑުގައި ޖައްސައިގެން ގިނައިރު ބޭނުންކުރުމަކީ ހަމަށް ސީރިއަސް ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ޑޮކްޓަރުން އިންޒާރު ދީފިއެވެ.
އާތު.ކޮމްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ލެޕްޓޮޕުން ނުކުންނަ މަޑު ހޫނުގެ ސަބަބުން ހަމުގެ ކުލަ ބަދަލުވެ، ”ޓޯސްޓެޑް ސްކިން ސިންޑްރޯމް“ ގެ ނަމުން ނަންދެވިފައިވާ ހަމުގެ މައްސަލައެއް ކުރިމަތިވެދާނެއެވެ.
މި މައްސަލަ ފާހަގަކުރެވުނީ އިނގިރޭސިވިލާތުގެ ލެސްޓަރ ޔުނިވަރސިޓީ ހޮސްޕިޓަލްސްގެ މެޑިކަލް ޓީމަކަށް ހުށަހެޅުނު ކުޑަކުއްޖެއްގެ ކޭސްއަކުންނެވެ. ގޭގައި ހުރެގެން ކިޔަވަމުންދިޔަ އެ ކުއްޖާ ދުވާލަކު 8 ގަޑިއިރު ވަންދެން ލެޕްޓޮޕް ޗާޖަށް ޖަހައިގެން ބަނޑުމަތީގައި ބާއްވައިގެން ބޭނުންކުރުމުގެ ސަބަބުން، އެ ކުއްޖާގެ ބަނޑުމަތީގައި ތަފާތު މުށިކުލައިގެ ނިޝާންތަކެއް އުފެދުނެވެ.
ފުރަތަމަ މަރުހަލާގައި ޑޮކްޓަރުންނަށް ހީވެފައިވަނީ މިއީ ކުއްޖާގެ ހަށިގަނޑުގެ އެތެރެއަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އުފެދުނު ނިޝާންތަކެއް ކަމަށެވެ. އެއީ ކުއްޖާ ކުޅެން އުޅުމުގެ ތެރޭގައި ގޮނޑިއެއްގައި ޖެހުނު ކަމަށް ބުނުމުންނެވެ. މިކަމާ ގުޅިގެން ލޭގެ ތަހުލީލުތަކާއި ސީޓީ ސްކޭން ފަދަ ސީރިއަސް ޓެސްޓުތައް ހަދަންޖެހުނު ނަމަވެސް، އެތެރެހަށްޓަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ ނިޝާނެއް ފެނިފައެއް ނުވެއެވެ.
ދެވަނަ ފަހަރަށް ހޮސްޕިޓަލަށް ދެއްކުމުން، ކުއްޖާ ދުވާލަކު ގިނައިރު ވަންދެން ބަނޑުމަތީގައި ލެޕްޓޮޕް ބާއްވައިގެން ބޭނުންކުރާކަން އެނގުމާއެކު މައްސަލައިގެ އަސްލު ސަބަބު ދެނެގަނެވުނެވެ. ލެޕްޓޮޕުން ނުކުންނަ ހޫނަކީ ވަގުތުން ފިހޭވަރުގެ ގަދަ ހޫނެއް ނޫން ކަމަށްވުމުން ފުރަތަމަ ތަދެއް ނުވި ނަމަވެސް، ދުވަސްތަކެއް ވަންދެން ސީދާ ހަމުގައި ޖެހެމުންދިއުމުގެ ސަބަބުން ހަމުގެ ފަށަލައަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.
މިފަދަ ހާލަތްތަކުގައި ފަރުވާދިނުމަކީ ނިސްބަތުން ފަސޭހަކަމެކެވެ. ކުއްޖާގެ ހަމުގައި ބެންޑޭޖެއް އަޅައި، ސީދާ ހޫނުވާ އެއްޗެހި ހަމުގައި ނުޖެއްސުމަށް އިރުޝާދު ދިނުމުން، މަސްތަކެއްގެ ތެރޭގައި އެ ނިޝާންތައް ވަނީ މުޅިން ފިލައިގޮސްފައެވެ. ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން މިފަދަ ހޫނަށް ހާމަވެފައި ހުރެއްޖެނަމަ، ހަމުގެ ކުލަ ދާއިމީކޮށް ބަދަލުވުމުގެ އިތުރުން ނާދިރު ހާލަތްތަކުގައި ހަމުގެ ކެންސަރަށް މަގުފަހިވުމުގެ ފުރުސަތު އޮންނަކަން ޑޮކްޓަރުން ފާހަގަކުރެއެވެ.
ޑޮކްޓަރުން އިރުޝާދު ދެއްވަނީ ލެޕްޓޮޕް ފަދަ ތަކެތި ބޭނުންކުރާއިރު ސީދާ އުނގުމަތީގައި ނުވަތަ ހަށިގަނޑުގެ ހާމައަށް ހުންނަ ހަމުގައި ނުޖެއްސައި، މޭޒުމަތީގައި ބެހެއްޓުމަށް ނުވަތަ ޕެޑެއް ފަދަ އެއްޗެއް ބޭނުންކުރުމަށެވެ. ޚާއްޞަކޮށް ކުޑަކުދިން ކިޔެވުމަށާއި ކުޅުމަށް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބެލެނިވެރިން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.










