ސޫދާނުގެ ކޮރްދޮފާން ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 308,000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ގޮސްފައިވާކަމަށް އދ. ގެ މައިގްރޭޝަން އޭޖެންސީ (އައިއޯއެމް) އިން ހާމަކޮށްފިއެވެ. ސޫދާނުގެ އަސްކަރިއްޔާއާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އާ ދެމެދު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އުތުރު، ހުޅަނގު އަދި ދެކުނު ކޮރްދޮފާންގެ ޙާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
އައިއޯއެމް އިން ބުނާގޮތުގައި 25 އޮކްޓޯބަރު 2025 އިން ފެށިގެން 1 ސެޕްޓެންބަރު 2026 އާ ހަމައަށް 308,179 މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. މިއީ ޖޫން މަހާ ހަމައަށް ހުރި 219,300 ގެ ޢަދަދާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. ގެދޮރު ދޫކޮށް ދިޔަ މީހުންގެ ތެރެއިން އެންމެ ގިނަ މީހުން (123,500 މީހުން) ގޮސްފައިވަނީ ޚަރްތޫމް ސްޓޭޓަށެވެ. މީގެ އިތުރުން 66,500 މީހުން އުތުރު ކޮރްދޮފާންގެ އެކި ހިސާބުތަކަށް ބަދަލުވެފައިވާއިރު، 40,200 މީހުން ގޮސްފައިވަނީ ވައިޓް ނައިލް ސްޓޭޓަށެވެ.
މި މީހުންނަށް ގެދޮރު ދޫކޮށް ދާން މަޖުބޫރުވީ، އައިއޯއެމް އިން ރެކޯޑުކޮށްފައިވާ 118 ވަކި ހަނގުރާމައިގެ ޙާދިސާއަކާ ގުޅިގެންނެވެ. އާރްއެސްއެފް އިން ވަނީ މި ސަރަޙައްދުގައި ވަރަށް ބޮޑަށް ބާރުގަދަކޮށްފައެވެ. މި ހަނގުރާމައިގައި އާރްއެސްއެފް އިން އަންނަނީ ޑްރޯން ޙަމަލާތައް ދީ، ޤަބީލާތަކުގެ އިސްވެރިން މަރަމުންނެވެ.
ކޮރްދޮފާންގެ މި ޙާލަތަކީ މުޅި ސޫދާނަށް ދިމާވެފައިވާ ބޮޑު ކާރިސާގެ ކުޑަ މިންވަރެކެވެ. 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ފެށުނު މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ގެއްލިފައެވެ.













