ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ މުޅި މުބާރާތުން އެންމެ މަތީ ވަނަތައް ހޯދައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު އިސްމާއިލް އިޒުއާން އިބްރާހިމާއި، އާޔަން އަޙްމަދު އިނާންގެ އިތުރުން އާއިޝަތު ޒީކް ރިޔާޒް ޙާޞިލުކޮށްފިއެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޙާފިޒުންގެ ގޮފިން މުޅި މުބާރާތުން އެއްވަނަ އިޒުއާން ހޯދިއިރު، ބަލައިގެން ކިޔުމުގެ ގޮފިން އެއްވަނަ ޙާޞިލުކުރީ އާޔަންއެވެ. އަދި ނުބަލައި ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ވަނީ ޒީކް ހޯދާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، އެއްވަނައަށް ދިޔަ ދަރިވަރުންނަށް އެމަނިކުފާނު ވަނީ ޝަރަފުގެ ފިލާއާއި، އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ބޭރު ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ޚާއްޞަ ސްކޮލާޝިޕް ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި، ޒަކާތު ހައުސް އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ދޭ 75،000 ރުފިޔާގެ ފައިސާގެ އިނާމާއި، ހައްޖު ކޯޕަރޭޝަނުން ހުށަހެޅި އުމްރާ ދަތުރުވެސް އެ ދަރިވަރުންނަށް ވަނީ އަރުވާފައެވެ.
މި އަހަރުގެ މުބާރާތުގެ އޮޑިޝަނުގައި 3،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި އިރު، މުބާރާތުގެ ފައިނަލް ބުރުގައި 138 ދަރިވަރަކު ވަނީ ކިޔަވާފައެވެ. އަދި މި ރަސްމިއްޔާތުގައި އެކި އުމުރުފުރާތަކުންނާއި ގޮފިތަކުން ވަނަތައް ޙާޞިލުކުރި އެހެން ދަރިވަރުންނަށްވެސް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ، މައްކާގެ މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަތީބު ޑރ. ޔާސިރް އައްދައުސަރީ ކުރިއަށް އޮތް ތަނުގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަންވެސް އިއުލާނުކުރައްވާފައެވެ.










