މައްކާގެ މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަޠީބު، ފަޟީލަތުއްޝައިޚު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި އުފާވެރި ޚަބަރު އިޢުލާނުކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ވަޒީރު ވަނީ މިއީ ޤުރުއާން ކިޔަވާ ދަރިވަރުންނަށާއި، ޒުވާން ޚަޠީބުންނަށް އަދި މުޅި ރާއްޖެއަށް ލިބިގެންދިޔަ ނުހަނު ބޮޑު އުފަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޝައިޚް ޑރ. ޔާސިރް އައްދައުސަރީއަށް ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު އެރުވީ ’ޒުވާން ޚަޠީބުންގެ މަހާސިންތާ‘ ގައި ބައިވެރިވެވަޑައިގަތުމަށެވެ.
ނަމަވެސް އެ މުއްދަތުގައި ވަޑައިނުގެންނެވުނު ކަމުގައި ވިޔަސް، އޯލެވެލް އިމްތިޙާނު ނިމުމުން އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ތާރީޚެއް ކަނޑައެޅިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ 43 އަހަރުގެ ދިގު މުއްދަތަކަށް ފަހު މަސްޖިދުލްޙަރާމްގެ އިމާމަކު ރާއްޖެއަށް ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޙަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް، މަސްޖިދުލްޙަރާމްގެ އިމާމު މުޙައްމަދު އައްޒުބައިރެވެ.
ޑރ. ޔާސިރް އައްދައުސަރީއަކީ މަސްޖިދުލްޙަރާމްގެ އިމާމުންގެ ތެރެއިން ޒުވާނުންގެ މެދުގައި ނުހަނު ބޮޑު މަޤްބޫލުކަމެއް ހޯއްދަވާފައިވާ، އަދި މުޅި އިސްލާމީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ރީތި އަޑެއްގެ ވެރި ޤާރީއެކެވެ. 2019 ވަނަ އަހަރު މަސްޖިދުލްޙަރާމްގެ ދާއިމީ އިމާމަކަށް އައްޔަންކުރެއްވުމުގެ ކުރިން، އެމަނިކުފާނު ވަނީ ރިޔާޟްގެ މަސްޖިދުއް ދަޚީލްގައި ގިނަ އަހަރުތަކެއް ވަންދެން އިމާމުވެ ނަމާދުކުރައްވާފައެވެ.
އަދި 2020 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ގެންދަވަނީ ދެ ޙަރަމްފުޅުގެ ކަންކަން ބަލަހައްޓާ ޖެނެރަލް ޕްރެޒިޑެންސީގެ މުޝީރެއްގެ (އެޑްވައިޒަރެއްގެ) މަޤާމުވެސް ފުރުއްވަމުންނެވެ.









