ކީރިތި ގުރުއާނާ ބެހޭ ދާއިރާއިން ރާއްޖެއިން މިހާރު ފެންނަމުންދަނީ އުފާވެރި އަދި އުންމީދީ ދުވަސްތަކެއް ކަމަށާއި، މި ހެޔޮ ބަދަލުތައް ދެމެހެއްޓުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ގައުމީ ގުރުއާން މުބާރާތުގެ ދިގު ތާރީހުގައި ގެނެވުނު އެންމެ މުހިންމު އަދި އެދެވޭ ބަދަލަކީ، ބައިވެރިވާން އެދޭ އެންމެހައި ފަރާތްތަކަށް ފުރުސަތު ހުޅުވާލުމެވެ. މީގެކުރިން ސްކޫލްތަކުން ކޮންމެ އުމުރުފުރާއަކުން ވާދަކުރެވެނީ ހޮވާލެވޭ މަދު ދަރިވަރުންތަކަކަށް ކަމުގައި ވީނަމަވެސް، ގެނެވުނު އިސްލާހީ ބަދަލާއެކު، ކުރިން ގާތްގަނޑަކަށް 800 ދަރިވަރުން ވާދަކުރި މި މުބާރާތުގައި މިއަހަރު 3،000 އަށްވުރެ ގިނަ ބައިވެރިން ވާދަކޮށްފައިވާކަން މިނިސްޓަރު ބަޔާންކުރެއްވިއެވެ.
”ކުރިން ސްކޫލް މުބާރާތް ނުބޭއްވުމުގެ ސަބަބުން ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް އޮތީ ސްކޫލް މުބާރާތެއްގެ ސިފައަށް ބަދަލުވެފައި. ނަމަވެސް، ގައުމީ ފެންވަރުގެ މިފަދަ މުބާރާތެއް މިއަށްވުރެ ފުޅާ ދާއިރާއެއްގައި ބޭއްވެންޖެހޭ،“ – މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން، ރަށްރަށުގައާއި ސްކޫލްތަކުގައި ވަރަށް ރޭވުންތެރިކަމާއެކު ގުރުއާން މުބާރާތްތައް އިންތިޒާމުކުރެވެމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ގައުމީ މުބާރާތަކީ ހަމައެކަނި ވަކި މުއައްސަސާތަކަކަށް ހާއްސަވުމުގެ ބަދަލުގައި، މުޅި ގައުމަށް އާންމުކޮށް ހުޅުވާލެވިފައިވާ ފުޅާ މުބާރާތަކަށް ވާންޖެހޭ ކަމަށެވެ. އަދި މުބާރާތުގެ ވަނަތަކަށް ދެވޭ އިނާމުތައް ބޮޑުކުރުމަކީ މި ދާއިރާއަށް އާންމުންގެ ޝައުގުވެރިކަން އިތުރުވެގެންދިޔަ މުހިންމު ސަބަބެއް ކަމަށާއި، މިފަހަރުގެ މުބާރާތުގެ އިންތިޒާމުތައް ފެނިގެންދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށްވެސް ވިދާޅުވިއެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފުވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ހެއްދެވުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މި މުބާރާތުގެ ހަރަދުތައް ސީދާ ދައުލަތުގެ ބަޖެޓުން ހަމަޖައްސަވައި، އިނާމުތަކުގެ އަގު ވަނީ ބޮޑުކުރައްވާފައެވެ. އަދި މުބާރާތުގެ ތިން ގޮފިންވެސް އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕެއް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.













