ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ވެވިފައިވާ އެއްބަސްވުންތަކަކީ ހަމައެކަނި ލިޔެކިޔުންތަކެއް ނޫން ކަމަށާއި، އޭގެ ސީދާ އެދެވޭ އަސަރު ދިވެހި ރައްޔިތުންގެ ދިރިއުޅުމުން ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާވެ، ދެ ޤައުމަށް މަންފާކުރާނެ އައު ފުރުޞަތުތަކެއް ފަހިވަމުންދާކަން ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިން އަށާއި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން، ރައީސް ވިދާޅުވީ ދެ ޤައުމު ޖޯގްރަފީ ގޮތުން އެކަކު އަނެކަކާ ދުރުގައި އޮތް ނަމަވެސް، އޮތީ އިޙުތިރާމާއި ސުލްހައާއި އިސްތިޤުލާލުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ އެކުވެރިކަމެއް ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ’ވަން ޗައިނާ‘ ސިޔާސަތުގައި ސާބިތުވެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މިދިޔަ އަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޤައުމީ އަދި ސަރަޙައްދީ ތަރައްޤީއާއި، ރަށްރަށުގެ އުމްރާނީ ވަސީލަތްތައް ބިނާކުރުމާއި، ތަޢުލީމީ އާއި ފަންނީ ދާއިރާއިން ޗައިނާގެ އެހީތެރިކަން އިތުރަށް ލިބެމުންދާ ކަމަށެވެ. މީގެއިތުރުން ސިނަމާލެ ބްރިޖަކީ ދެ ޤައުމުގެ ބަދަހި ގުޅުން ރަމްޒުކޮށްދޭ ދިރުންހުރި ބިނާއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކާއި، ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަޙުގައި ހިނގާ މައްސަލަތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ބަދަހި ގުޅުންތައް މުހިންމުކަން ފާހަގަކުރައްވައި، ތަރައްޤީވެފައިވާ ޤައުމަކަށްވުމަށް ރާއްޖެއިން ކުރާ ދަތުރުގައި ޗައިނާއަކީ އިތުބާރުހުރި ބައިވެރިއެއްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ޗައިނާގެ ރައީސަށާއި ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، އެ ޤައުމަށް އިތުރު ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.













