ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ގްރީން ބިލްޑިންގގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއަކީ އެއްވެސް ފަރާތަކުން ގަސްދުގައި ރޯކޮށްލައިގެން ހިނގި ކަމެއް ނޫންކަން ހާމަކޮށް، އެ ހާދިސާ ހިނގި ވަގުތުގެ ފުރިހަމަ ސީސީޓީވީ ފުޓެޖާއި ތަފްސީލީ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އާންމުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މިކަމާ ގުޅޭގޮތުން މައުލޫމާތު ހާމަކުރުމަށް އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ޓައިމްލައިން ދައްކުވައިދޭ ސީސީޓީވީ ވީޑިއޯ ފުލުހުން ވަނީ އާންމުކޮށްފައެވެ. ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، އެ ދުވަހުގެ ފަތިހު 05:33 ހާއިރު އެ އިމާރާތުން ކަރަންޓު ކެނޑުނެވެ. އަދި އޭގެ ގާތްގަނޑަކަށް 45 މިނެޓު ފަހުން، ހެނދުނު 06:13 ގައި ގްރައުންޑް ފްލޯއާއި ފުރަތަމަ ފަންގިފިލާއާ ދެމެދު ހުރި ކަރަންޓު ނަރުތަކެއްގައި އަލިފާން ރޯވުމުން، އެ އިމާރާތުގެ ސެކިއުރިޓީއަށް ހުރި ބިދޭސީ މީހާ ހާސްކަމާއެކު ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.
އެ ވަގުތު އެ ބިދޭސީ މީހާ އެކި ފަރާތްތަކަށް ގުޅައި އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރި ކަމަށާއި، މަގުމަތިން ދިޔަ އޮފް-ޑިއުޓީ ފުލުހެއްގެ އެހީތެރިކަންވެސް ހޯދި ކަމަށް ވީޑިއޯއިން އެނގެއެވެ. އަދި ބިދޭސީ މީހާ އަމިއްލައަށް މަސައްކަތްކޮށްގެން ނަރުތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލި ނަމަވެސް، އެ ވަގުތުވެސް އިމާރާތުގެ ތެރެއިން ދިޔައީ ބޯކޮށް ދުން އަރަމުންނެވެ. އޭގެ އިރުކޮޅެއް ފަހުން އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް އައިސް އިމާރާތުގެ އެކި ފަންގިފިލާތަކަށް ވަދެ ހަރަކާތްތެރިވާން ފެށިއެވެ. ނަމަވެސް، އަލިފާންގަނޑު ކޮންޓްރޯލުން ނެއްޓި މުޅި އިމާރާތަށް ބޮޑަށް ފެތުރިގެން ދިޔައީ ފަޔަރ ފައިޓަރުން އެތެރޭގައި ތިއްބައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، ގްރީން ބިލްޑިންގ ހިމެނޭ ސަރަހައްދުގެ ވަށައިގެން ސީސީޓީވީ ކެމެރާތައް ހުރުމުން، ކެމެރާއަށް ނުފެނި އެއްވެސް މީހަކަށް އެ އިމާރާތުގެ ތެރެއަށް ނުވަދެވޭނެ ކަމަށެވެ. އެހެންކަމުން މިއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއްކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ގްރީން ބިލްޑިންގގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އެ ދުވަހުގެ މެންދުރު 12:45 ހާއިރު ނަމަވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ އެ ދުވަހުގެ ހަވީރު 15:30 ގައެވެ.













