ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ މެދުވެރިވީ އެ އިމާރާތުގެ ކަރަންޓު ވަޔަރުތައް މިންގަނޑަށް ނޫން ގޮތަށް އިންތިޒާމްކޮށް ބެލެހެއްޓިފައި ހުރުމުގެ ސަބަބުން ދެ ނަރެއް ޝޯޓްވެގެން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ.
މި ހާދިސާގެ ތަހުގީގާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، އަލިފާން ރޯވި ސަރަހައްދުގައި ހުރި ދައުލަތުގެ ތިން އިމާރާތުގެ ތެރެއިން އިންޝުއަރެންސް ކޮށްފައި އޮތީ ހަމައެކަނި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ހިންގި އިމާރާތް އެކަނި ކަމަށެވެ.
މި ހާދިސާގައި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަާބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ހިންގި އިމާރާތް ވަނީ އެއްކޮށް އަނދައި އަޅިއަށް ވެގެން ގޮސްފައެވެ. މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، މި ހާދިސާގައި ލިބުނު މާލީ ގެއްލުމުގެ މިންވަރު އަދިވެސް ހާމަކޮށްފައެއް ނުވެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތައް ހިންގި އިމާރާތުން ބައެއް ތަކެތި ސަލާމަތް ކުރެވުނު ނަމަވެސް، އެ އިމާރާތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެއިތުރުން، އަލިފާނުގެ ހޫނުގަދަވުމުގެ ސަބަބުން ކައިރީގައި ހުރި 3 ގެއަކާއި، 9 އެޕާޓްމަންޓަކަށާއި 2 ފިހާރައަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ 776 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖާއި، ފުލުހުންގެ ބޮޑީވޯން ކެމެރާތަކުގެ ރެކޯޑިންގްތަކުގެ އިތުރުން އާންމުން ހިއްސާކުރި ވީޑިއޯތައް ދިރާސާކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް 42 މީހެއްގެ ބަޔާން ނަގާފައިވާކަން ވެސް ފުލުހުން ފާހަގަކުރިއެވެ.
މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި އިންޑިއާގެ ހާއްސަ ތަހުގީގު ޓީމެއް ގެނެސް، އެ ފަރާތްތަކުން ސައިޓް ބަލައި ދިރާސާ ކުރަންދެން އަލިފާން ރޯވި ސީން ރައްކާތެރިކަމާއެކު ބަލަހައްޓާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ ގޭބިސީތަކާއި އޮފީސްތަކުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް އަވަހަށް ހައްލުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.













