ވައިގެމަގުން ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މިސްކިތްމަގު. ކިނާރާ / ޏ. ފުވައްމުލައް، ޢަބްދުﷲ މުޙައްމަދު (57އ) އެވެ.
ފުލުހުން ބުނީ މި މަހުގެ 20 ވަނަ ދުވަހު ފުވައްމުލައް ސިޓީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ފުވައްމުލައް ސިޓީ އެއާޕޯޓު ތެރެއިން ޢަބްދުﷲ މުޙައްމަދު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ކޮތަޅުތަކެއް ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 68 ގުރާމު ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.













