ގޫގުލް މެސެޖަސް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އެ އެޕްގެ އިންޓަފޭސްއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ގޫގުލްއިން ކުރަމުންދާކަން ހާމަވެއްޖެއެވެ.
އެންޑްރޮއިޑް އޮތޯރިޓީން އެޕްގެ ބީޓާ ވަރޝަންގެ އޭޕީކޭ ޓިއަރޑައުންއަކަށް ބިނާކޮށް ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބަދަލުތައް ފެނިފައިވަނީ ގޫގުލް މެސެޖަސްގެ އެންމެ ފަހުގެ ބީޓާ ބިލްޑުންނެވެ.
މި އާ ޑިޒައިނާއެކު އެޕްގައި ގިނައިން ބޭނުންކުރާ ބަޓަންތަކުގެ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން، މިހާރު އެޕްގެ މަތީ ކަނާތްފަރާތުގައި އިންނަ ސާޗް އައިކަންގެ ބަދަލުގައި، އާޓިފިޝަލް އިންޓެލިޖެންސް ޓޫލް ”ޖެމިނައި“ ގެ ބަޓަން މަތީ ހެޑާއަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
އަދި މިހާރު ތިރީ ކަނާތްފަރާތުގައި އިންނަ ”ސްޓާޓް ޗެޓް“ ބަޓަން، ތިރީގެ މެދަށް ބަދަލުކުރެވޭނެއެވެ. މީގެއިތުރުން، ސާޗް ކޮންޓްރޯލް ތިރީ ނެވިގޭޝަން ބަޔަށް ބަދަލުކުރުމުން އެއްއަތުން ފޯނު ބޭނުންކުރާއިރު ސާޗްކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
މި ބަދަލުތަކާއެކު، އެޕް ތެރޭގައި ތިރިއަށް ސްކްރޯލްކުރަމުންދާއިރު ”ސްޓާޓް ޗެޓް“ ބަޓަން ކުޑަވެ، އެ ތަނަށް ސާޗް ބަޓަން ބޮޑުވެގެން ފެންނަ ގޮތް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި އިންޓަފޭސްއަކީ އަދި ތަރައްޤީކުރުމުގެ މަރުޙަލާގައިވާ ޑިޒައިނަކަށްވާތީ، އާންމުކޮށް އެންމެންނަށް މި ބަދަލުތައް ފޯރުކޮށްދޭނެ ވަކި ތާރީޚެއް ގޫގުލްއިން އަދި ހާމައެއް ނުކުރެއެވެ.









