ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން، އިގުތިސާދީ އަދި އިންވެސްޓްމަންޓްގެ ދާއިރާއިން އާ ހަރުފަތަކަށް ގެންދެވިފައިވާ ކަމަށް ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް-ޤަޙްޠާނީ ވިދާޅުވެއްޖެއެވެ.
ސަފީރު މި މޭރުމުން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އަހުވަންތަ، ބަދަހި ގުޅުމާއި، އެންމެ މަތީ ފަންތީގައި އޮތް ގާތްކަން ހާމަކޮށްދޭ އަލިގަދަ ހެއްކެއްކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި ޖޫން 2025 ގައި ރައީސް ޑރ. މުޢިއްޒާއި، ސަޢޫދީގެ ވަލީއަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އަލް ސަޢޫދު ބޭއްވެވި ބައްދަލުވުމަކީ ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ގައުމުގެ ލީޑަރޝިޕުން ދެއްވާ އަހައްމިއްޔަތު ރަމްޒުކޮށްދިން ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި، ސަޢޫދީ ވިޝަން 2030 ގެ ދަށުން އެ ގައުމުން ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކޮށް ބައިނަލްއަގުވާމީ ބައިވެރިވުން ފުޅާކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، 1978 ވަނަ އަހަރުން ފެށިގެން ”ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް“ މެދުވެރިކޮށް ރާއްޖޭގެ ތަރައްގީއަށް ގާތްގަނޑަކަށް 488 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެމަނިކުފާނު ހަނދާން އާކުރެއްވިއެވެ. މީގެ ތެރޭގައި ސިއްހަތު، ބޯހިޔާވަހިކަން، މަސްވެރިކަން، ދަތުރުފަތުރު އަދި އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތައް ހިމެނެއެވެ.
ދާދިފަހުން ސަޢޫދީ އިންވެސްޓަރުންގެ ވަފުދަކުން ރާއްޖެއަށް ކުރި ޒިޔާރަތާއި ބޭއްވުނު ”މޯލްޑިވްސް-ސަޢޫދީ އިންވެސްޓްމަންޓް ފޯރަމް“ އަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ޓެކްނޮލޮޖީ އަދި ވިޔަފާރީގެ ދާއިރާއިން ސަޢޫދީގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މީގެއިތުރުން، ދިފާއީ އަދި ސަލާމަތީ ދާއިރާއިން އޮތް އެއްބާރުލުން ފާހަގަކުރައްވަމުން، ކަނޑުގެ ސަލާމަތް ރައްކާތެރިކުރުމަށް އުފައްދާފައިވާ ”މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން“ އަދި ”އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން“ ގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރަށް ސަފީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ސަފީރު ވިދާޅުވީ، ދެ ގައުމުގެ ލީޑަރުންގެ ހިކުމަތްތެރި އިރުޝާދުގެ ދަށުން، ސަރަހައްދީ ހަމަޖެހުމާއި ދުނިޔޭގެ ސުލްހައަށްޓަކައި ކުރެވޭ މަސައްކަތްތަކާއެކު، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރު އުސްމިންތަކަކަށް ވާސިލުވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.











